އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު 5-0 އިން ލަގްޒެމްބާގްގެ މައްޗަށް ޕޯޗުގަލް ކުރިހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ޕޯޗުގަލުން ލަގްޒެމްބާގް ބަލިކުރިއިރު މިމެޗާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުނު 182 މެޗުން 115 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކަކީ ގައުމީ ޓީމަށް އޭނާ ފުރިހަމަ ކުރި 10 ވަނަ ހެޓްރިކް އެވެ.
ރޮނާލްޑޯގެ ހެޓްރިކް ހެދިއިރު ޕޯޗުގަލްގެ އަނެއް ލަނޑުތައް ޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އާއި ޕަލީނިއާ އެވެ.
ކޮލިފައިންގެ ގްރޫޕް އޭގެ ދެވަނައިގައި ޕޯޗުގަލް އޮތްއިރު އެއްވަނައިގައި އޮތީ ސާބިއާ އެވެ. ސާބިއާ އަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަށް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ހެޓްރިކް ހެދިއިރު 36 އަހަރުގެ ކުޅުންތެރިޔާ މިދިޔަ މަހު ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި އަލީ ދާއީގެ ރެކޯޑް މުގުރާލާފަ އެވެ.