twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނަށް އިނާމު ދިނުމަށް ސިޓީ ކައުންސިލުން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Oct 13, 2021

ކުޅުދުއްފުށި ސިޓީ ސްކޫލުތަކުގައި ތައުލީމު ހާސިލުކޮށް، ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އިނާމު ދިނުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ނިންމީ ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ކޮންމެ ދަރިވަރަކަށް 5000 ރުފިޔާއާ ގާތްކުރާ އަދަދެއްގެ އިނާމެއް ދިނުމަށެވެ.

މިދިޔަ އަހަރު ކުޅުދުއްފުށީގެ ސްކޫލުތަކުން 19 ދަރިވަރަކުން ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނި ރަށަށް ރީތި ނަމާއި ޝަރަފު ހޯދައިދީފަ އެވެ.

5000 ރުފިޔާއަށްވުރެ ބޮޑުނޫން އެ އަދަދާ ގާތްކުރާ ވަރުގެ އިނާމެއް ދިނުމަށް ރިޔާސަތު ހުށަހެޅުމުން އެކަމަށް ތާއިދުކޮށް މެމްބަރުން ވަނީ ވާހަކަދައްކާފަ އެވެ.

ބަހުސްގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ ގަދަ ދިހައަކަށް އަރައި ދަރިވަރުންނަށް ސިޓީ ކައުންސިލުން އިނާމެއް ދިނުމަށް ކަނޑައެޅިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަމުން ދަރިވަރުން އިތުރު ހިތްވަރެއް ލިބިގެންދާނެކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

"ތަރައްގީގެ ޕްލޭން އެކުލަވާލުމުގައިވެސް އެންމެ ހާއްސަ އިސްކަމެއްދީފައިވާނީ ރަށުގެ ތައުލީމަށް. ރަންވަނަ ހޯދާ ދަރިވަރުން ފާހަގަކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް." މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ސިޓީގެ ކޮންމެ ދަރިވަރެއް ގަދަ ދިހައަކަށް އެރިކަމުގައިވިޔަސް އެއީ ރަށަށް ލިބިގެންދާ ފަހުރަކާ ޝަރަފެއްކަމަށާއި އިނާމު ދޭނީ އަގު ވަޒަން ކުރުމުގެ ގޮތުންނާއި ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ. މޭޔަރު ވިދާޅުވީ އެ އިނާމު ދޭނީ ސްކޫލުތަކުގެ އަހަރީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާތަކުގައި ކަމަށެވެ.

5000 ރުފިޔާއަށްވުރެ ބޮޑުނޫން އެ އަދަދާ ގާތްކުރާ އަދަދެއްގެ އިނާމެއް ދިނުމަށް ނިންމިކަމުގައިވިޔަސް ދޭނީ ފައިސާގެ އިނާމު ތޯ ނުވަތަ އިނާމުގެ ގޮތުގައި ދޭނީ އެހެން ތަކެތި ތޯ ނިންމާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355