twitterviber whatsapp telegramfacebookyoutube instagram
8th May 2024

ނައިބު ރައީސް ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައިފި

Oct 13, 2021

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ށ. ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކައިގައި ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ހާމަކުރައްވާ، މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ސަރުކާރަށް ޝުކުރުއަދާ ކުރެއްވި އެވެ.

ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ނައިބާ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރާފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމާއި، ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވުމާއި، ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތުވެސް ކައުންސިލް މެންބަރުން ވަނީ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ނައިބު ފައިސަލް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށާއި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރަށުގެ އާންމު ޙާލަތު އޮޅުންފިލުވާ، ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާއި ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355