ޔޫރަޕުގެ އެންމެ ބޮޑު ހަތަރު ލީގުގައި މިރޭ އޮންނަ ފޯރިގަދަ މަރުގެ މެޗުތަކާއެކު ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް މިރޭ ވަރުގަދަ ރެއަކަށް ވެގެންދާނެ އެވެ.
ފްރެންޗް ލީގާއި ލަލީގާ އަދި އިޓާލިއަން ލީގާއި ޕްރިމިއާ ލީގަކީ ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ވަރުގަދަ ހަތަރު ލީގުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިރޭ އެހަތަރު ލީގުގެ ގަދަބާރުތައް އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާން ނުކުންނާނެ އެވެ.
1. ސްޕެނިޝް ލީގު / ލަލީގާ / އެލްކްލަސިކޯ: ބާސެލޯނާ އާއި ރެއާލް މެޑްރިޑް (19:15)
ރޮނާލްޑޯއާއި މެސީ އަދި ސާޖިއޯ ރާމޮސް ނުލައި ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި މިދެޓީމު ކުރިމަތިލާނެ މީ ފުރަތަމަ ފަހަރެވެ. އެލްކްލަސިކޯ އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ އެއްފުޓްބޯޅަ މެޗެވެ.
2. ޕްރިމިއާ ލީގު: މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް (20:30)
އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެޓީމުގެ ކުރިމަތިލުމެއް މިރޭ ފެނިގެންދާނެ އެވެ. މިމެޗުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވެގެންދާނީ މިވަގުތު ވަރަށް ރަނގަޅު ފޯމެއްގައި ހުރި ލިވަޕޫލްގެ މުހައްމަދު ސަލާހުއަށާއި ޔުނައިޓެޑްގެ ކުރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.
3. ފްރެންޗް ލީގު: ޕީއެސްޖީއާއި މާސޭ (23:45)
ފްރެންޗް ލީގަކީ ވެސް ވަރުގަދަ ލީގުތަކުން ލީގެކެވެ. ފްރެންޗް ލީގަށް ލިބޭ ސަމާލުކަން އެންމެ ބޮޑުވީ ދުނިޔޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ލިއޮނަލް މެސީ 21 އަހަރަށް ފަހު ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ހިސާބުންނެވެ. އެއާއެކު ދުނިޔޭގެ ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން އެންމެ ވަރުގަދަ ފޯވާޑް ލައިން ޕީއެސްޖީން ފެނިގެން ދިޔަ އެވެ. އެއީ މެސީއާއި ނޭމާ އަދި އެމްބާޕޭގެ ޓްރިއޯ އެވެ.
4. އިޓާލިއަން ލީގު: ޔުވެންޓަސް އާއި އިންޓަމިލާން (23:45)
ވޭތުވެދިޔަ 10 އަހަރުގެ ތެރެއިން ޖެހިޖެހިގެން 9 ފަހަރު ތަށި ޔުވެންޓަސްއިން ހޯދިިއިރު އިންޓައިން ވަނީ މިދިޔަ ސީޒަނުގައި މިރެކޯޑަށް ނިމުން ގެނެސްފަ އެވެ. އެހެންކަމުން މިމެޗުވެސް ވެގެންދާނީ ވަރަށް ފޯރިގަދަ މެޗަކަށެވެ.