ކ.ތުލުސްދޫގައި ކުރިއަށް ގެންދިޔަ މިއަހަރުގެ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕް 2021 ނިންމާލައިފި އެވެ. މި ކޭމްޕު ނިންމާލުމަށް ބޭއްވި އިނާމު ދިމުނުގެ ރަސްމިޔާތުގައި މި ކޭމްޕުން މޮޅުވި 5 ހިޔާލުގެ ބައިވެރިންނަށް ވަނީ އިނާމު ހަވާލު ކޮށްފައެވެ.
މިފަހަރުގެ ކޭމްޕްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 30 ޒުވާނުން ވަނީ ބައިވަރިވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ 'މިޔަހެލި' ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ. ބައިވެރިން ތަމްރީންކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީގައި، މީހުން ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ޚިޔާލުތައް ވަނީ ހުށަހަޅާފައެވެ.
އެގޮތުން ޖަޖުންގެ ޕެނަލްއިން ބެލުމަށްފަހު ޖުމްލަ 10 ހިޔާލުގެ ތެރެއިން މޮޅުވި ހިޔާލު ތަކަކީ:
ޔޫ.އެން.ޑީ.ޕީ އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން 'މިޔަހެލި' ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެއްބާރުލުމާ އެކުގައެވެ. މީގެ އިތުރުން މި އަހަރުގެ ކޭމްޕް ބާއްވާފައިވަނީ ޔޫތު ކޯ:ލެބް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އެއްބާރުލުމާއި، އޮސްޓްރޭލިޔާގެ ސަރުކާރާއި ޔޫރަޕިޔަން ޔޫނިއަން (އީ.ޔޫ.)ގެ މާލީ އެހީ ތެރިކަމުގެ ދަށުންނެވެ.
"މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސާދު އާރާސްތުކުރުމަށްޓަކައި ތަފާތު އައު އީޖާދުތައް ހޯދާ ފަރާތްތަކާއި އުފެއްދުންތެރިން އައި އިޖްތިމާޢީ ވިޔަފާރިތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް އޮސްޓްރޭލިޔާ އަބަދުވެސް އޮންނާނީ ތައްޔާރަށް. މި މަސައްކަތުގެ ތެރެއިން، 2016 ވަނަ އަހަރުގައި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ތަޢާރަފްވި ހިސާބުން ފެށިގެން ޔޫ.އެން.ޑީ.ޕީއާއި އެހެނިހެން ހިއްސާދާރުން ގުޅިގެން މި ކޭމްޕް ބޭއްވޭތީ ފަޚުރުވެރިވަން." އޮސްޓްރޭލިޔާ އިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރ އަމެންޑާ ޖުވެލް ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް އަދި ސިވިކް ކަންކަމާއި އިޖްތިމާޢީ ބަދަލުތަކުގައި ޒުވާނުންގެ އަމަލީ ބައިވެރިކަން އޮތުމަކީ އީ.ޔޫ އަބަދުވެސް އައްބާރުލުން ދޭކަމެއް. އަދި މއީ އީ.ޔޫގެ ޒުވާނުންގެ ސްޓްރެޓެޖީގެ ބައެއްވެސްމެ. މިގޮތުން އަހަރެމެންގެ އަމާޒަކީ ޒުވާނުން ބޭނުންވާ ރިސޯސަސް އެމީހުންނަށް ފޯރުކޮށްދީ މުޖްތަމަޢުއަށް އަގުހުރި ފައިދާތަކެއް ގެންނަ ބަޔަކަށް އެމީހުންވުމުގެ ފުރުޞަތު މަގުފަހިކުރުން. މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ ޒަރިއްޔާއިން އަހަރެމެން މިދަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރަން ޒުވާނުންގެ ޚިޔާލު ހުރި ގޮތަށް އަޑުއަހަމުން. މިއީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއިއެކު އީ.ޔޫ ކުރަމުންދާ މަސައްކަތުގެ ބައެއް." އީ.ޔޫއިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މިޝަންގެ ޑެޕިއުޓީ ހެޑް، ތޯރސްޓެން ބާރގްފްރީޑް ވިދާޅުވިއެވެ. މީގެ އިތުރުން އެބޭފުޅާވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ބާރުވެރިކަމާއި މުޖްތަމަޢުގެ ދެމެހެއްޓެނިވިކަން އިތުރުކުމަށް އީ.ޔޫ އާއި ޔޫ.އެން.ޑީ.ޕީ ކުރަމުންދާ މަސައްކަތައްވެސް އަލިއަޅުވާލާފައެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން، 6 ވަނަ މިޔަހެލި ކޭމްޕްގެ ވެސް މަޤްޞަދަކީ މުޖްތަމަޢުގައި ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް ޒުވާނުންނަށް އެއްބާރުލުންދިނުމެވެ. މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ޚިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގާ މަންސައެކެވެ. މިއަހަރުގެ ކޭމްޕްގައި އީޖާދީ ޙިޔާލު ހޯދީ؛
ދުނިޔެއަށްޓަކައި އުފެއްދުންތެރިކަން: މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި އޭގެ ސަބަބުން ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހައްލުތައް ހޯދުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރެވިދާނޭ ގޮތްގޮތާއި ސާރކިއުލާރ އެކޮނޮމީ އަދި ވޭސްޓް-ޓު-ވެލްތް ހައްލުތައް ބޭނުންކުރަން ފެށިދާނޭ ގޮތްގޮތާއި ތިމާވެއްޓަށް ރައްކާތެރިވުމާއި ތިމާވެއްޓާއި ރައްޓެހި ވިޔަފާރިތައް ފަށާ އާންމު ކުރާނޭ ގޮތްގޮތެވެ.
މީހުންނަށްޓަކައި އުފެއްދުންތެރިކަން: މިއީ މިހާރު ހުރި އިޖްތިމާއީ ކަންކަމަށް ހައްލުތައް ހޯދައި، އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޒުވާނުންގެ ބާރު އަދި ހިތްވަރު ވިސްނައިދީ އެއްބައިވަންތަ، ވަރުގަދަ މުޖްތަމައެއް ބިނާކުރެވުދާނޭ ގޮތްގޮތާއި މުޖްތަމައުގައި އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަސާސީ ބޭނުންތަކާއި ވަސީލަތްތައް ފޯރުކޮށްދެވިދާނޭ ގޮތްގޮތާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުން އެކަހެރިކުރެވިފައިވާ ފަރާތްތަކުގެ ދިރިއުޅުން ފަސޭހަކޮށް އިތުރު މަގުތައް ފަހިކޮށްދެވިދާނޭ ގޮތްގޮތެވެ.
ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން: މިއީ އާންމު ދިރިއުޅުމުގެ ކަންތައްތައް ފަސޭހަކޮށްދޭނެ ހައްލުތައް ހޯދައި، އެކަށޭނަ މަސައްކަތުގެ މާހައުލެއް ޕްރޮމޯޓްކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ލިބޭ ފުރުސަތްތައް އިތުރުކޮށް އާންމު ދިރިއުޅުން އިތުރަށް ރަނގަޅުކުރާނޭ ގޮތްގޮތާއި ލިބެން ހުރި ވަސީލާތްތައް ބޭނުންކޮށްގެން ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދުމުގެ މަގުތައް އިތުރުކުރާނޭ ގޮތްގޮތާއި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނޭ ގޮތްގޮތެވެ.
"މިޔަހެލީގެ މަޤްސަދަކީ ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން އާލާކޮށް މުޖްތަމަޢުގައި ހުރި މައްސަލަތަކަށް އައު ހައްލުތަކެއް ހޯދައިދިނުން. އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު. މި އަހަރުގެ މިޔަހެލި ބައިވެރިންގެވެސް ވަރަށް އަގުހުރު ޚިޔާލުތަކެއް އެބަހުރި. މިގޮތުން މިއަހަރު މޮޅުވި ފަރާތްތަކަށް ތަހުނިޔާ ކިޔަން އަދި އުންމީދަކީ މިޚިޔާލުތައް ޙަޤީޤަތަކަށް ވާތަން ފެނުން." އުރީދޫ މޯލްޑިވްސް ގެ ބްރޭންޑް އަދި މާރކޮމްސް މެނޭޖާރ ނޫރާ ޒާހިރު ވިދާޅުވިއެވެ.
''ދިވެހިރާއްޖޭގެ ޒުވާނުން ކުރިމަތިލާންޖެހޭ ތަފާތު ގޮންޖެހުންތައް އެބަހުރި. ޒުވާން ފިރިހެނުންގެ އާބާދީގެ 20 އިންސައްތަ އަދި ޒުވާން އަންހެނުންގެ އާބާދީގެ 26 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މިވަގުތު މަދަރުސީ ތައުލީމް ހާސިލްކުރާ ނުވަތަ ވަޒީފާ އެއް އަދާކުރަމުންދާ ބައެއް ނޫން. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަނީ މިމައްސަލަތައް އިތުރުވެ ޒުވާނުންގެ މެދުގައި ނުތަނަވަސްކަމާއި މުޖަތަމަޢުއިން ބާކީވުމުގެ އިޙްސާސްތައް އިތުރުވެފައި. ނަމަވެސް ޒުވާނުންގެ އާބާދީގެ މި 47 އިންސައްތައެއްހާ މީހުންނަކީ 'ޑިމޮގްރަފިކް ޑިވިޑެންޓްގެ' ' ފައިދާ ނަގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖްތިމާޢީ ކުރިއެރުން އިތުރުކުރުމުގެ އަގުހުރި ފުރުޞަތެއް. މިގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ކިބައިގައި ވިޔަފާރިވެރިކަމުގެ ހުނަރުތަށް އާލާކުރުމަށްޓަކައި އެކި ޕާޓްނަރުންނާއި ގުޅިގެން މަސައްކަތްކޮށް ޒުވާނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ޔޫ.އެން.ޑީ.ޕީއިން އޮތީ ތައްޔާރަށް. މިގޮތުން މިކަންކުރެވޭނީ ވިޔަފާރިގެ ދާއިރާއިން ޒުވާނުން އިސްނެގުމަށް ބާރުވެރިކޮށް ސޯޝަލް އިނޮވޭޝަން ޤައުމީ ފެންވަރެއްގައި ކުރިއަރުވައިގެން." މިޔަހެލީގެ ޕާޓްނަރުން ދިން އެއްބާރުލުމަށާއި ބައިވެރިންގެ ހައްލުތަކަށް ޝުކުރު އަދާކުރަމުން ޔޫ.އެން.ޑީ.ޕީގެ ރިސިޑަންޓް ރެޕްރެސެންޓޭޓިވެ އެންރީކޯ ގަވޭލިޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެބާފުޅާވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަށް ހާސިލްކުރުމަށްޓަކައި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ ހިއްސާވެސް ފާހަގަކުރައްވާފައެވެ.
މިޔަހެލި އަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީ މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަދި އޮސްޓްރޭލިޔާ ސަރުކާރާއި އަދި އެހެނިހެން ފަރާތްތަކުގެ އެހީގައި ބާއްވާ ސޯޝަލް އިނޮވޭޝަން ކޭމްޕެކެވެ. މި ކޭމްޕްގެ މަޤްޞަދަކީ ޒުވާނުންނަށް މުޖްތަމަޢުގައި ފައިދާ ކުރުވަނިވި މަސައްކަތް ކުރަން އެއްބާރުލުންދިނުމެވެ. މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ޚިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގާ މަންސައެކެވެ. މިއަހަރު، މިޔަހެލި އިންތިޒާމްކުރަނީ ބަދަލުތައް ގެންނާނެ މީހުންނާއި، ތަޖުރިބާކާރުންނާއި، މީހުން ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ޚިޔާލުތައް އެއްތަންކުރުމުގެ ނިޔަތުގައެވެ. 2016 ވަނަ އަހަރުން ފެށިގެން 160 ވުރެ ގިނަ ޒުވާނުން ވަނީ މިޔަހެލީގައި ބައިވެރިވެ، އައު އީޖާދުތައް އުފައްދާފައެވެ.