މީގެ ކުރިންވެސް ސައިކަލް ރޭހާއި ކާރު ރޭސް މުބާރާތްތައް ކުޅުދުއްފުށީގައި ބާއްވަ އެވެ. އެކަމަކު ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ސައިކަލް ރޭސް ތަފާތެވެ. އަންހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދިޔަ މި މުބާރާތަކީ މިގޮތަށް ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތަކަށްވުން އެއީ ހާއްސަވި ބައިވަރު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މުބާރާތުގެ ވާހަކަ ދެއްކޭ ކޮންމެ ތަނެއްގައިވެސް ގިނަ ބައެއްގެ ހިތަށް އަންނާނީ ރޯޑް ކިންގްކަން ހޯދި ނަޖަފް، އިބުރާހިމް އަލީ (އިބީ)ގެ ސައިކަލުކަން ޔަގީނެވެ.
ދުވަހާ ގުޅިގެން ބޭއްވި ގިނަ އިވެންޓްތަކުގެ އިންތިޒާމު އެންމެ ރަނގަޅު ނޫނަސް، ރޯޑް ކިންގެ ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށްގެންދިޔަ ސައިކަލު ރޭހަކީ ވަރަށްވެސް ފުރިހަމަ އިވެންޓެކެވެ. މިއިވެންޓުގެ ތެރެއިން ފިރިހެން އަދި އަންހެން އެތައް ރައިޑަރުންނެއްގެ ހުނަރާއި ކުޅަދާނަކަން ފެނިގެންދިޔަ އެވެ. އެތަކެއް ބަޔަކު ގަޔާވި ހަރަކާތެކެވެ.
މިއިވެންޓްގައި އެންމެ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ، އިބީ ދުއްވި ރަންކުލައިގެ ސައިކަލެވެ. ގިނަ މޮޑިފިކޭޝަންސްތަކަކާ އެއްކޮށް ނެރެވުނު މިސައިކަލަކީ އެހާމެ ފުރިހަމަ ސައިކަލެކެވެ.
ޖެޓެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަކުރެވުނު މިސައިކަލުގެ ދުވެލި އެހާމެ ބާރެވެ. މިސައިކަލުގައި އިބީ ވަނީ 135 ކެޓަގަރީގެ ޗެމްޕިއަންކަމާއި އޯޕަން އިވެންޓްގެ ޗެމްޕިއަންކަން ނަގާފަ އެވެ.
މާލޭގައި ބޭއްވި ގިނަ ރޭސްތަކަކުން ވެސް ރަންވަނަތައް ހޯދާފައިވާ އިބީ ކޭއޯއަށް ބުނީ މިފަހަރު މިހާ ރަނގަޅު ސައިކަލެއް ނެރުނު ސަބަބަކީ އެންމެފަހުން އޮތް ރޭހުގައި ސައިކަލު ހަލާކުވެ ރޭސް ދޫކޮށްލަން ޖެހުމުންނެވެ.
""އެއަކީ އަސްލު ކުރިން ފަހަރު ރޭސް އެހާ ރަނގަޅަކަށް ނޫން ދިޔައީ. ސައިކަލު ހަލާކުވެގެން. އެކަމަކު އެއްވެސް ރޭހަކުން ބަލިވެފައެއް ނީންނާނެ. ދެން ސައިކަލު މައްސަލަ ޖެހިގެން ހިތަށް އެރީ މިފަހަރު ތަންކޮޅެއް ރަނގަޅު އެއްޗެއް ހަދާލަން، ގެރެންޓީ ބޮޑުކޮށް."އިބްރާހިމް އަލީ (އިބީ)
މިއްޑެ އޮޓޯސް ކިޔާ މާލޭގެ ގަރާޖެއްގައި މަސައްކަތްކުރަމުންދާ އިބީ ބުނީ، ސައިކަލު ހަދަން ހޭދަވީ 15 ދުވަސް ކަމަށާއި ސައިކަލު ހަދަން އުޅެންޖެހުނީ ވަރަށް ތެޅިގަނެގެން ކަމަށެވެ. ނަމަވެސް ރޭހުން އެއްވަނަ ހޯދާ އެބުރަ މަސައްކަތުގެ ފޮނިމީރުކަން އޭނާ ވަނީ ހާސިލުކޮށްފަ އެވެ.
އޭނާގެ އިތުރުން 3 މީހުންގެ މަސައްކަތުން މައިދާނަށް ނެރުނު މި "ބީސްޓް" އަކީ ވަރަށް ފުރިހަމަ މަސައްކަތެކެވެ. އިބީ ބުނީ މިސައިކަލަކީ 260 ސީސީގެ ސައިކަލެއް ކަމަށެވެ. އޭނާ ބުނީ ސައިކަލުގައި މީޓަރު ބޯޑު ނެތުމުން ދުވެލި އަންދާޒާކޮށްލަން ނޭނގޭ ކަމަށެވެ. ސައިކަލުގެ ބަރުދަނުގައި ގާތްގަނޑަކަށް 50 އާ 60 ކިލޯ ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ބުންޏެވެ.
މިސައިކަލުގެ މައިގަނޑަކީ ނުވަތަ ބޮޑީއަކީ ރާއްޖޭގެ ބޭރުން ގެނެސްފައިވާ ޗެސިސް ކިޔާ މައިގަނޑެއް ކަމަށް އިބީ ބުނެ އެވެ. ސައިކަލުގެ މައިގަނޑު ގެނެވުނީ މިއަހަރުގެ އޭޕްރީލްގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ. މައިގަނޑު ހެދީ އޭނާ އަމިއްލައަކަށް ނޫންކަމަށާއި އެއީ ބޭރުގައި އާފްޓަރ މާކެޓްކޮށް ވިއްކަން ހުންނަ އެއްޗެއް ކަމަށް އޭނާ ބުންޏެވެ.
""މި އޮކްޓޫބަރު މަހު 10 ވަނަ ދުވަހު އަނެއްހެން އިންނާނީ ސައިކަލު ހަދަން ފަށާފައި ވެސް. ވަރަށް ތެޅިގަނެގެން ހެދީ އަސްލު މިފަހަރު. މިކޮޅަށް އައިސް އިންޖީނުވެސް ރޭވީ."އިބްރާޙިމް އަލީ (އިބީ)
ސައިކަލުގައި ހަރުކޮށްފައި އިންނާނީ އެކްސައިޓަރ 135 ގެ އިންޖީނެއް ކަމަށާއި އިންޖީނަށް ހުންނާނީ ގިނަ މޮޑިފިކޭޝަންސްތަކެއް ގެނެސްފައި ކަމަށް އިބީ ބުނެފައިވެ އެވެ.
އިބީ ބުނީ މިސައިކަލު އެއްކޮށް ނިންމާ ހުރިހާ ހަރަދުތަކަށް އެރިވަރު އުޅޭނީ ގާތްގަނޑަކަށް 80 ހާހާއި 90 ހާހާއި ދެމެދު ކަމަށެވެ. އަދި މިހަރަދުތަކުގެ ބޮޑުބައެއް ލިބުނީ ސްޕޮންސަރުންނާއި ރައްޓެހިންގެ އެހީގައި ކަމަށް އިބީ ބުނެ އެވެ. އިބީ ވަނީ މިކަމުގައި އިބީގެ ރައްޓެހިންގެ އެހީތެރިކަން ފާހަގަކޮށްފަ އެވެ. އިބީގެ މިސައިކަލުވެފައިވަނީ ރޭހަށް ލޯބިކުރާ އެތައް ބައެއްގެ ފޭވަރިޓަށެވެ.
އެތައް ރޭހެއްގައި ބައިވެރިވެފައިވާ އިބީ ބުނީ މިފަހަރުގެ ރޭހަކީ މާލޭ ކޮޅުން ބެލިނަމަވެސް މިހާތަނަށް ވާދަކުރި އެންމެ އިންތިޒާމު ރަނގަޅު ރޭސްކަމަށް ބުނެ މިފަހަރުގެ ރޭސް އިންތިޒާމުކުރި ފަރާތްތަކަށް ތައުރީފްކޮށްފަ އެވެ.