އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު ގަދަ 16 މެޗުތަކުން ހޯދި މޮޅާއެކު ޗެލްސީއާއި އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް ވަނީ 2 - 0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ޗެލްސީ އާއި ސައުތެމްޕްޓަން ކުޅުނު މެޗު 1 - 1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފަ އެވެ. އަދި ޕެނަލްޓީ ޖަހައިގެން ޗެލްސީ މޮޅުވީ 4 - 3 ންނެވެ.
ޗެލްސީއާއި ސައުތެމްޕްޓަން މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑުނެގީ ޗެލްސީންނެވެ. މެޗުގެ 44 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ނެގި ކޯނަރަކުން މިލަނޑުޖެހީ ކައި ހަވާޓްޒް ބޮލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގައި ސައުތެމްޕްޓަނަށް އެއްވަރުކޮށްދިނީ ޗޭ އެޑަމްސް އެވެ.
އާސެނަލާއި ލީޑްސް ބައްދަލުކުރި މެޗުގައި އާސެނަލުން ފުރަތަމަ ފަހަރަށް ލީޑުނެގީ ދެ ވަނަ ހާފްގައި ކަލުމް ޗެމްބާސް ޖެހި ގޯލުންނެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި އާސެނަލްގެ ދެ ވަނަ ގޯލު ޖެހީ އެޑީ އެންކެޓިއޭ އެވެ.
ލީގު ކަޕްގައި ރޭ ކުޅުނު އަނެއް މެޗުން ކިއުޕީއާރާއި ސަންޑަލެންޑް ބައްދަލުކުރި މެޗުން ޕެނަލްޓީ ޖަހައިގެން ސަންޑަލެންޑް ވަނީ 3 - 1 ން މޮޅުވެފަ އެވެ.