twitterviber whatsapp telegramfacebookyoutube instagram
25th April 2024

އާ ބަޖެޓަކީ ރާއްޖެ ބަނގުރޫޓުވެ ދަރީންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއް: އިދިކޮޅު

Nov 25, 2021

ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރުއޮތް، އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއްކަމަށް ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ބުނީ މިބަޖެޓަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރޭވިފައިވާ ބަޖެޓެއް ކަމަށެވެ. އެއީ މިހާތަނަށް އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށާއި މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގައި ކަމަށެވެ.

ފައިސާ ޗާޕު ކުރުމާ ދެކޮޅަށް އިދިކޮޅު މެމްބަރުން އަޑު އުފުލަމުން ދަނިކޮށް ވެސް 4.4 ބިލިއަން ރުފިޔާ ކުރިން ކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ފައިސާއެއް ދައުލަތަށް އަނބުރާ ދައްކާފައި ނެތް ކަމަށްވެސް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ސަރުކާރުގެ ހިންގުމުގެ ހަރަދު ފޫބައްދަން ފައިސާ ޗާޕު ކުރުމަކީ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މަރުކަޒީ ބޭންކުންނާއި އިގްތިސާދީ މާހިރުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް، އަނެއްކާވެސް 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސަރުކާރުން ވަނީ ދީފަ އެވެ. އެހެންކަމުން ޖުމުލަ 6.9 ބިލިއަން ރުފިޔާ ޗާޕު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އެ ކޯލިޝަނުން ބުނީ މީގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ އެކްސްޗޭންޖް މާކެޓުގައި ޑޮލަރުގެ އަގު އިތުރަށް މަތިވެ، ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެ، ވިޔަފާރިތަކަށް ހީވެސް ނުކުރާފަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި މިއީ އާއްމު ރައްޔިތުންނަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެކަމަށެވެ.

"ސަރުކާރުން މިހާ ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިޤްތިސާދު ފުނޑާލުމަކީ އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް" އިދިކޮޅު ކޯލިޝަން

އަދި މިއީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއްކަމަށެވެ.

އިދިކޮޅުން ބުނާގޮތުގައި، ބަޖެޓުގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި ސިޔާސީ ނުފޫޒު ފޯރުވާ ފަދަ އިދާރާތައް އިތުރު ކޮށްގެންނެވެ. އެ އަދަދު ކުޑަކޮށް ސީދާ ރައްޔިތުންނާއި ގުޅޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެލޮކޭޓް ކުރަން އިދިކޮޅުން ގޮވައިލަމުން ދިޔަ ކަމަށް ވެސް ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި ސަރުކާރުގެ ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަތުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއް ކަމަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355