twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޯޝޯ އާއި ޑޭޓް ޗޭންޖް ފީ ނަގަން ފެށީ ގެއްލޭ ސީޓްތައް ހޯދުމަށް ފަސޭހަކޮށްދިނުމަށް: މޯލްޑިވިއަން

ޚަދީޖާ އާދަމް
Nov 28, 2021

މި ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޯލްޑިވިއަނުން ފެށި ނޯޝޯ ފީ ނަގަންފަށައި، ޑޭޓް ބަދަލުކުރާއިރު ނަގައި ފީއަށް ބަދަލުތަކެއް ގެނެސްފައިވަނީ ނޯޝޯގެ ސަބަބުން ގެއްލޭ ސީޓްތައް ހޯދުމަށް ފަސެންޖަރުންނަށް ފަސޭހަކޮށްދިނުމަށްކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ނޯޝޯ ފީ އަކީ ދަތުރުކުރަން ޓިކެޓް ނެގުމަށްފަހު، ދަތުރުކުރާކަން ނާންގާ ފަރާތްތަކުން އަލުން ޓިކެޓް ބަދަލުކުރާނަމަ ނަގާ ފީ އެކެވެ. ސެކްޓަރ ފީ މީގެ ކުރިން ނަގަމުން އައީ ފުރަތަމަ ދަތުރުކުރަން ޓިކެޓް ނެގި ސެކްޓާރ ނޫން އެހެން ސެކްޓާރ އަކަށް ޓިކެޓް ތާރީހު ބަދަލުކުރާނަމައެވެ. ނަމަވެސް ފަހުން ގެނައި ބަދަލާ ގުޅިގެން ސެކްޓާ ބަދަލުނުކުރިނަމަވެސް ޓިކެޓް ތާރީހު ބަދަލުކުރާ ކޮންމެ ފަހަރަކު 106 ރުފިޔާގެ ފީ އެއް ނެގޭނެއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ މިގޮތަށް ފީއަށް ބަދަލު ގެންނަން ނިންމީ ޓިކެޓް ނެގުމަށްފަހު ނޯޝޯ ވެގެން ދަތުރުނުކުރާ ފަރާތްތަކުގެ ޖާގަ ދަތުރުކުރަން ބޭނުންވާ އެހެން ފަރާތްތަކަށް ހޯދައިދިނުމަށް މަގުފަހި ކުރުމަށް ކަމަށާއި ދަތުރު ނުކުރާކަން ފްލައިޓް ފުރުމުގެ 6 ގަޑިއިރު ކުރަން އަންގަން ޖެހޭނެކަމަށެވެ.

ނޯޝޯވެ ނޭންގުމުގެ ސަބަބުން ފްލައިޓްތަކުން ގިނަ އަދަދެއްގެ ގޮޑި ހުސްކޮށް ހުރެ ދަތުރުކުރަން ޖެހޭކަން ވަސީމް ފާހަގަ ކުރެއްވި އެވެ. "ގާތްގަނޑަކަށް 7 މަސް ދުވަހަށް ބަލާއިރު ޑޮމެސްޓިކް ފްލައިޓްތަކުގައި 16500 ހުސްކޮށްހުރި، އެއީ މަހެއްގެ މައްޗަށް ބަލަންޏާ އެވްރެޖްކޮށް 2350 ގޮޑި" ވަސީމް ވިދާޅުވި އެވެ.

ޓިކެޓް ނެގުމަށްފަހު ދަތުރު ނުކުރާކަން މޯލްޑިވިއަންގެ ކޯލް ސެންޓަރު 3335544 ގުޅައި ނުވަތަ [email protected] އަށް މެއިލްކޮށްލައިގެންވެސް އަންގާލެވޭނެކަމަށް ވަސީމް ފާހަގަ ކުރެއްވި އެވެ.

މި ބަދަލާ ގުޅިގެން ނޯޝޯ ފީ އެކި ސެކްޓާތަކުގައި ތަފާތުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހޯރަފުށި، ހަނިމާދޫ، ކުޅުދުއްފުށި، ފުނަދޫ، ތިމަރަފުށި، ކައްދޫ ދަތުރުކުރައްވާ ފަރާތްތަކަށް ނޯޝޯގެ ގޮތުގައި ނެގޭނީ 150ރ+ޖީއެސްޓީ އެވެ.

އަދި ކޫއްޑޫ، ކާޑެއްދޫ، މާވަރުލުން ދަތުރުކުރާ ފަރާތްތަކަށް ނޯޝޯގެ ގޮތުގައި ނެގޭނީ 180ރ+ޖީއެސްޓީ އެވެ. ގަން އަދި ފުވައްމުލަކުން ނޯޝޯގެ ގޮތުގައި 200ރ+ޖީއެސްޓީ ފީގެ ގޮތުގައި ނަގާއިރު އިފުރު، މާފަރު، ކުޑަހުވަދޫއަށް ނަގަނީ 130ރ+ޖީއެސްޓީ އެވެ. ދަރަވަންދޫއިން ނޯޝޯގެ ގޮތުގައި ނަގަނީ 80ރ+ޖީއެސްޓީއެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ކޮވިޑްގެ ކުރިން ޓިކެޓް ވިއްކަމުން އައި ފެއާރ ރޭޓްގައި ޓިކެޓް ނުލިބޭކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ބުނީ އިތުރު ފީތައް ނެގުމުން ޓިކެޓަށް ކުރަންޖެހޭ ހޭދަ ބޮޑުވާކަމަށެވެ.

ކޭއޯއިން ވާހަކަ ދައްކާލި ބައެއް އޭޖެންޓުތަކުން ބުނީ މި ބަދަލަކީ ރަނގަޅު ބަދަލެއްކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް މި ބަދަލު ގެނައުމުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާކަމަށާއި ސަބަބަކީ އެއަބަދަލު އައިކަން ގިނަ ބަޔަކަށް އެންގުމަށް ލިބުނު ވަގުތު ކުޑަވުމުން ކަމަށެވެ.

މި ބަދަލާ ގުޅިގެން ގިނަ ފަރާތްތަކުން ނޯޝޯ ވުމުގެ ކުރިން މިހާރު ދަތުރު ނުކުރާކަން އަންގާކަމަށާއި އެހެންވުމުގެ ސަބަބުން ކުއްލިއަކަށް ޖާގަ ބޭނުންވާ ފަރާތްތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވާކަން އޭޖެންޓުތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355