twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހަތްވަނަ ފަހަރަށް މެސީ ބެލޮންޑިއޯ ހޯދައިފި

ނަބީލާ އިސްމާޢީލް
Dec 1, 2021

ފްރާންސްގެ ފުޓުބޯޅައިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު ހަތްވަނަ ފަހަރަށް އުމުރުން 34 އަހަރުގެ ލިއޮނެލް މެސީ ހޯދައިފި އެވެ.

މެސީ ބެލޮންޑިއޯ އެވޯޑު ހަތްވަނަ ފަހަރަށް ކާމިޔާބު ކުރީ، ބަޔާން މިޔުނިކާއި ޕޮލެންޑްގެ ތަރި ރޮބަޓް ލެވޮންޑޮސްކީ އަދި ޗެލްސީ އާއި އިޓަލީގެ ކުޅަދާނަ މިޑްފީލްޑަރު ޖޯޖީނިއޯއާ ވާދަކޮށެވެ.

މީގެ ކުރިން މެސީއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ 2009، 2010، 2011، 2012، 2015، އަދި 2019ގަ އެވެ.

މެސީ ވަނީ އޭނާގެ ކެރިއަރުގައި 80 ލަނޑު ގައުމީ ޓީމަށް ޖަހައިދީފަ އެވެ. އޭނާ ވަނީ މި އެވޯޑު އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުވެސް އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އޭގެފަހުން މިދިިޔަ އަހަރު ކޮވިޑްގެ ސަބަބުން މި އެވޯޑު ބާއްވާފައެއް ނުވެ އެވެ.

މެސީ ވަނީ އާޖެންޓީނާއާއެކު އެންމެފަހުން ބޭއްވި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށް ގައުމީ ޓީމާއެކު އޭނާގެ ފުރަތަމަ ކާމިޔާބީ ހާސިލްކޮށްފަ އެވެ.

ރޭ ކުރިއަށް ދިޔަ ބެލޮންޑިއޯ އެވޯޑްއިން ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރު ދިޔައީ ހަ ވަނަ އަށެވެ. މިއީ 2010 ވަނަ އަހަރަށް ފަހު ރޮނާލްޑޯއަށް މި އެވޯޑްގެ ގަދަ ފަހަކުން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވިފައިވަނީ އިޓަލީ އަދި ޕީއެސްޖީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުމާ އެވެ. އޭނާ ވަނީ ނިމިދިޔަ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދާފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ އެލެކްސިއާ ޕުޓެލަސް އެވެ. އޭނާ ވަނީ ބާސެލޯނާއާއެކު އަންހެނުންގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މިފަހަރުގެ ފިރިހެނުންގެ ބެލޮންޑިއޯ އެވޯޑް ލެވަންޑޮސްކީއަށް ނުލިބުމުން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ ނުރުހުންވެސް ފާޅުކޮށްފަ އެވެ. އެހެންނަމަވެސް ގިނަ މީހުން ބުނާގޮތުގައި މިފަހަރުގެ އެވޯޑް ހައްގީ މެސީއަށެވެ. އެއީ އޭނާ ކޮޕާ އެމެރިކާގައި ދެއްކި އާދަޔާހިލާފު ކުޅުމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355