ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ސޭބޫ ސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ ފެނާއި ކަރަންޓު ކެނޑި މުއާސަލާތީ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް ބުރޫއަރާފައިވާކަމަށެވެ.
ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމުމާގުޅޭ
— Ministry of Foreign Affairs 🇲🇻 (@MoFAmv) December 22, 2021
📃 https://t.co/4M7v0S4rVd
ހާލުގައި ޖެހިފައިވާ ދަރިވަރުން އަސާސީ ހިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ހިދުމަތް އިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ހިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މައިލޫމާތު ފިލިޕީންސްގެ އެމްބަސީން ދެއްވާފައިވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމަވާފައިވަނީ 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ކަމަށް ފޮރިން މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީއިން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާކަމަށް އެމިނިސްޓްރީން ބުނެ އެވެ.