މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ތައިލެންޑަށް ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާތީ ދިވެހިން އެކަމަށް ސަމާލުކަން ދިނުމަށެވެ.
އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ތައިލެންޑް ސަރުކާރުން އިތުރު ފިޔަވަޅުތައް އެޅީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.
ތައިލެންޑުން ހަރުކަށި ކުރި ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މި މަހުގެ 22 ގެ ކުރިން ތައިލެންޑް ޕާސް ކިޔުއާރް ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެ ކަމަށެވެ.
މި މަހުގެ ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް ކިޔުއާރް ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.
މީގެ އިތުރުން މި މަހުގެ 22 އިން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންނެވެ.
އެހެންނަމަވެސް "ޓެސްޓު އެންޑް ގޯ" ސްކީމުގެ ދަށުން ތައިލެންޑަށް އެތެރެވާ ހުރިހާ ފަރާތްތަކަކުން އެ ގައުމަށް އެތެރެވުމަށް ފަހު ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ. އަދި ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެއެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ހަރަދުގައި ހިލޭ ހަދައިދެވޭ ޓެސްޓެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި ތައިލެންޑުގެ މި ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ބަދަލުވެދާނެ ކަމަށްޓަކައި ދަތުރުކުރުމުގެ ކުރިން އުސޫލުތައް ރަނގަޅަށް ބެލުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ފޮރިން މިނިސްޓްރީގައާއި އެންމެ ކާއިރީގައިވާ ދިވެހި ޑްޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީ ކުރަންވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރެއެވެ.