ޓެކާސްއިން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މެޗުތައް މާދަމާ ފަށާއިރު ފުރަތަމަ މެޗުގައި ހޯސްޓް ކުޅުދުއްފުށި ސިޓީއާއި ހދ. ހަނިމާދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ހދ އަތޮޅުން މިމުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައިވެ އެވެ. އެއީ ކުޅުދުއްފުއްޓާ ހަނިމާދޫގެ އިތުރުން ކުމުންދޫ، ނޭކުރަންދޫ އަދި ނޮޅިވަރަމްފަރެވެ. މާދަމާ ހަވީރު 4 ޖަހާއިރު މިއަތޮޅުގެ ފުރަތަމަ މެޗުގައި ހަނިމާދޫއާއި ކުޅުދުއްފުށި ބައްދަލުކުރާއިރު މާދަމާ 5 ޖަހާއިރު ދެވަނަ މެޗުގައި ނޭކުރަންދޫ ނުކުންނާނީ ނޮޅިވަރަމްފަރާ ދެކޮޅަށެވެ.
މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ. މެޗުގެ ކުރިން ކޭއޯއާ ވާހަކަދައްކަމުން ޓީމް ކުޅުދުއްފުށީގެ ކޯޗް ސިނާން އިބްރާހިމް ވިދާޅުވީ ޕްރެކްޓިސްކޮށްލަން ލިބުނު ދުވަސްތައް މަދުކަމަށާއި އެހެންނަމަވެސް ޓީމު ނުކުންނާނީ މޮޅުވާން ކަމަށެވެ. އަދި ހަނިމާދޫ ޓީމުގެ ކުޅުން ފެނިފައިނުވި ނަމަވެސް މެޗުން މޮޅުވާން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ކޯޗުދެ އެވެ.
ޒޯން 1: ހއ، ހދ، ށ، ނ
ޒޯން 2: ރ، ބ، ޅ، މާލެ (އުތުރު)
ޒޯން 3: މާލެ (ދެކުނު)، ވ، އއ، އދ، މ
ޒޯން 4: ތ، ލ، ގއ، ގދ، ޏ، ސ/އައްޑޫ
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.
މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.