ޓެކާސް މޯލްޑިވްސްގެ، ޓެކާސް ރިސޯޓް ކަޕްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ވެލިގަނޑު މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ކާމިޔާބުކޮށްފި އެވެ.
ވެލިގަނޑުން ޗެމްޕިއަންކަން ހޯދީ މިދިޔަ އާދީއްތަ ދުވަހު ކުޅުނު ފައިނަލްގައި ކުރަމަތި މޯލްޑިވްސް ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ފައިނަލް މެޗުގައި ފެނުނީ ދާދި ހަމަހަމަ، ފޯރިގަދަ ކުޅުމެކެވެ. އިތުރު ވަގުތުގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމުގެ ފަރާތުންވެސް ފިޒިކަލީ ރަނގަޅު ކުޅުމެއް ފެނިގެން ވަނީ ގޮސްފަ އެވެ.
ގޯލެއް ނުޖެހި ޕެނަލްޓީއަށް ގޮސްފައިވާ އިރު، ދެޓީމުންވެސް ފުރިހަމަ ރެކޯޑެއްގައި ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް ކުރަމަތީގެ ހަވަނަ ޕެނަލްޓީ ނާކާމިޔާބުވެ، އެޓީމަށް ތަށި ގެއްލުނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެލިގަނޑުގެ އާދަމް މުހައްމަދު ހޮވިފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކުރަމަތީގެ މުހައްމަދު ޝާނިއުއެވެ. އއ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ކުރަމަތީގެ މުހައްމަދު ސާއިންއެވެ.
ޓެކާސް ރިސޯޓް ކަޕްގައި ރިސޯޓްތައް ތަމްސީލު ކުރެވޭނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ޓެކާސް ރިސޯޓް ކަޕްގެ އދ. އަތޮޅު ޒޯންގެ މުބާރާތް އިއްޔެ ވަނީ ފަށާފަ އެވެ. އެ މުބާރާތް ކޮންޑްރެޑް މޯލްޑިވްސްގައި ހޯސްޓް ކުރާ އިރު، ސަން އައިލެންޑްގެ އިތުރުން ދެން ވާދަކުރާނީ ކޮންޑްރެޑް މޯލްޑިވްސް ރަންގައްޔާއި ސެންޓާރާ ގްރާންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ލަކްސް ސައުތު އަރި އެޓޯލްއެވެ.