twitterviber whatsapp telegramfacebookyoutube instagram
28th April 2024

މިލަންދޫ ބަލިކޮށް ޓެކާސް މޯލްޑިވްސް ކަޕް ށ އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫއިން ހޯދައިފި

މުޙައްމަދު އަހުމަދު
Jan 30, 2022

ޓެކާސް މޯލްޑިވްސް ކަޕްގެ ށ އަތޮޅުގެ މުބާރާތުގައި އިއްޔެ ށ. މިލަންދޫ ބަލިކޮށް ށ. ފޯކައިދޫއިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ. ފޯކައިދޫއިން ފައިނަލުގައި މިލަންދޫގެ މައްޗަށް ކުރިހޯދީ 3 - 0 ގެ ނަތީޖާއަކުންނެވެ.

އިއްޔެ ހަވީރު ކުޅެވުނު ފައިނަލު މެޗުގައި މިލަންދޫ 3 - 0 ން ބަލިކޮށް ފޯކައިދޫއިން އަތޮޅު ޗެމްޕިއަންކަން ހޯދިއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޯކައިދޫގެ ޖޯޒީ ނަމްބަރު 11 ހުސެއިން ނަބީހު އެވެ.

ފޯކައިދޫ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި މިލަންދޫ ފައިނަލަށް ދަތުރުކުރީ ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ.

މުބާރާތުގައި ގިނަ ވަނަތަކެއް ހޮވާފައިވެ އެވެ. އެގޮތުން ށ އަތޮޅު މުބާރާތުގެ އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ ފޯކައިދޫ ޓީމުގެ މެނޭޖަރު އަބްދުﷲ ރީހާން އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މިލަންދޫގެ ޖޯޒީ ނަމްބަރު 27 އަހްމަދު ޝަނީ އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މިލަންދޫގެ ކީޕަރު އަހްމަދު ހުޝާމް އެވެ.

ޓޮޕް ޕްލޭ މޭކަރ، މުބާރާތުގެ ޓޮޕް ސްކޯރާ އަދި ށ އަތޮޅު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ފޯކައިދޫގެ ޖޯޒީ ނަމްބަރު 69 އިބްރާހިމް މުޝީރު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މިލަންދޫގެ ޖޯޒީ ނަމްބަރު 1 އަހްމަދު ހުޝާމާއި އެޓީމުގެ ޖޯޒީ ނަމްބަރު 28 އަބްދުﷲ ނާޖީގެ އިތުރުން ފޯކައިދޫގެ ޖޯޒީ ނަމްބަރު 11 ހުސެއިން ނަބީހުއާއި ނަރުދޫގެ ޖޯޒީ ނަމްބަރު 23 އިސްމާއިލް ސާފިއު އަދި ފުނަދޫގެ ޖޯޒީ ނަމްބަރު 21 އަބްދުލް މާޖިދު އެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.

ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355