ޓެކާސް މޯލްޑިވްސް ކަޕްގެ ނ އަތޮޅުގެ މުބާރާތުގެ ފައިނަލުގައި ނ. މާފަރަށް ނ. ޅޮއްސާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ޓެކާސް މުބާރާތުގެ ނ އަތޮޅުގެ މުބާރާތް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހު އެވެ. މިއަދު ހަވީރު ފައިނަލު ކުޅެން ހަމަޖެހިފައިވާއިރު ފައިނަލަށް މާފަރާއި ޅޮހި ދަތުރުކޮށްފައިމިވަނީ ފޯރިގަދަ އަދި ވާދަވެރި މެޗުތަކަކަށް ފަހުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެވުނު ނ އަތޮޅު މުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ޓީމުތަކަކީ ކެނދިކޮޅުދޫއާއި މާފަރާއި މާޅެންދޫ އެވެ. ގްރޫޕް ބީގައި ހިމެނުނީ ކުޑަފަރިއާއި ޅޮއްސާއި މަނަދޫ އެވެ.
މާފަރުން ފައިނަލަށް ދަތުރުކޮށްމިވަނީ ކުޅުނު 2 މެޗު ވެސް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓާއެކުގަ އެވެ. އަދި ޅޮހިން ފައިނަލަށް ދަތުރުކުރީ ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.
ނ އަތޮޅު މުބާރާތުގެ ހުރިހާ މެޗެއް ވެސް މާފަރުގައި ކުރިއަށްދާއިރު މުބާރާތުގެ ފައިނަލުގައި މިއަދު މާފަރާއި ޅޮހި ބައްދަލުކުރާ މެޗު ފެށޭނީ ހަވީރު 5 ޖަހާއިރު މާފަރު ޓާފް ދަނޑުގަ އެވެ. މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.