ޓެކާސް މޯލްޑިވްސް ކަޕްގެ ނ އަތޮޅުގެ މުބާރާތުގައި އިއްޔެ ނ. ޅޮހި ބަލިކޮށް ނ. މާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ. މާފަރުން ފައިނަލުގައި ޅޮހީގެ މައްޗަށް ކުރިހޯދީ 4 - 2 ގެ ނަތީޖާއަކުންނެވެ.
މިއަދު ހަވީރު ކުޅެވުނު ފައިނަލު މެޗުގައި މާފަރުން 4 - 2 ން ޅޮހި ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދިއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފަރުގެ ޖޯޒީ ނަމްބަރު 10 އިރުޝާދު އަދުނާނެވެ.
މާފަރުން ފައިނަލަށް ދަތުރުކޮށްމިވަނީ ކުޅުނު 2 މެޗު ވެސް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓާއެކުގަ އެވެ. އަދި ޅޮހިން ފައިނަލަށް ދަތުރުކުރީ ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވާފައިވެ އެވެ. އެގޮތުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދެކުޅުންތެރިއަކަށް ލިބިފައިވެ އެވެ. އެއީ ޅޮހީގެ ޖޯޒީ ނަމްބަރު 4 އަބްދުﷲ ރިމާހުގެ އިތުރުން މާފަރުގެ ޖޯޒީ ނަމްބަރު 10 އިރުޝާދު އަދުނާނެވެ.
އެންމެ މޮޅު ޕްލޭ މޭކަރަކަށް ޅޮހީގެ ޖޯޒީ ނަމްބަރު 10 އަލީ އަކްޝަމް ހޮވުނުއިރު އެންމެ މޮޅު ކީޕަރުގެ މަގާމު ގެންދިޔައީ މާފަރުގެ ކުޅަދާނަ ގޯލްކީޕަރު އަހްމަދު ހަބީބު އެވެ.
މާފަރުގެ މެނޭޖަރު އިބްރާހިމް ފަލާހަށް މުބާރާތުގެ އެންމެ މޮޅު މެނޭޖަރުގެ މަގާމު ލިބުނުއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޅޮހީގެ ޖޯޒީ ނަމްބަރު 4 އަބްދުﷲ ރިމާހް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޅޮހީގެ ޖޯޒީ ނަމްބަރު 10 އަލީ އަކްޝަމްއާއި ޖޯޒީ ނަމްބަރު 4 އަބްދުﷲ ރިމާހް އަދި ޖޯޒީ ނަމްބަރު 13 އަލީ އިބްރާހިމް ދީދީގެ އިތުރުން މާފަރުގެ ޖޯޒީ ނަމްބަރު 16 އަފްރާހް މުހައްމަދާއި ޖޯޒީ ނަމްބަރު 7 އައްޒާމް އަބްދުﷲ އެވެ.
ނ އަތޮޅު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މާފަރުގެ ޖޯޒީ ނަމްބަރު 10 އިރުޝާދު އަދުނާނެވެ. އޭނާ ވަނީ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.