އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 3 - 1 ން ބުރްކީނާ ފާސޯގެ މައްޗަށް ކުރިހޯދާ ސެނެގާލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭގެ މެޗުން ސެނެގާލް މޮޅުވިއިރު އެޓީމުގެ ލިވަޕޫލަށް ކުޅޭ ތަރި ސަޑިއޯ މާނޭގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މާނޭ ވަނީ ރޭގެ މެޗުގައި ސެނެގާލަށް ލަނޑެއް ކާމިޔާބުކޮށްދީ އެސިސްޓެއް ހަދާފަ އެވެ.
މެޗުގެ 70 ވަަނަ މިނިޓްގައި ސެނެގާލުގެ އަބްދޫ ޑިއާލޯ އެޓީމަށް ލީޑު ނަގައިދިނެވެ. ކުލިބާލީގެ އެސިސްޓަކުން ޑިއާލޯ މިލަނޑު ކާމިޔާބުކުރިއިރު އޭގެ ކުޑައިރުކޮޅެއް ފަހުން މާނޭގެ އެސިސްޓަކުން ސެނެގާލްގެ އިދްރީސާ ގާނާ-ގޭއި ވަނީ އެޓީމަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ބްލާޓީ ޓޫރޭ ވަނީ ބުރްކީނާ ފާސޯއަށް ލަނޑެއް ޖަހައިދީ ފައިނަލުގެ އުއްމީދުއާކޮށްފަ އެވެ. އެހެންނަމަވެސް އެޓީމުން އެއްވަރުކޮށް މޮޅުވާން ހިތްވަރުކުރަމުން އަންނަނިކޮށް ސެނެގާލްގެ ތަރި މާނޭ ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ސެނެގާލަށް ލަނޑެއް ޖަހައިދީ އެޓީމު ފައިނަލަށް ގެންގޮސްދީ ބުރްކީނާ ފާސޯގެ އުއްމީދުތައް ފުނޑުވާލާފަ އެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ސެނެގާލް ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗަށް ފަހު އެވެ. ދެ ވަނަ ސެމީގައި މުބާރާތް ބާއްވާ ގައުމު ކެމަރޫނުން މިރޭ ރާއްޖެގަޑިން ދަންވަރު 12 ޖަހާއިރު ނުކުންނާނީ މިސްރާ ދެކޮޅަށެވެ.