ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 1، ބްލޮކް 2 ގެ ފައިނަލުގައި ށ އަތޮޅުގެ ޗެމްޕިއަން ފޯކައިދޫއާއި ނ އަތޮޅުގެ ޗެމްޕިއަން މާފަރު ބައްދަލުކުރަން ޖެހިއްޖެ އެވެ.
މިއަދު ހަވީރު 4:30 ގައި ފަށާ މިމެޗުގައި ނ ގެ ޗެމްޕިއަން މާފަރުން ފޯކައިދޫއާ ދެކޮޅަށް ނުކުންނައިރު މިމެޗަކީ ފޯރިގަދަ މެޗަކަށް ވެގެން ދާނެ އެވެ. މާފަރުން އަމިއްލަ ރަށުގައި ފޯކައިދޫއާ ދެކޮޅަށް ނުކުންނައިރު މިދެޓީމަކީ ވެސް ވަރަށް ވަރުގަދަ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ދެޓީމެވެ.
މާފަރު ފައިނަލަށް ދަތުރުކުރީ އަތޮޅު ފައިނަލުގައި ޅޮހީގެ މައްޗަށް 4 - 2 ން ކުރިހޯދައިގެންނެވެ. އަދި ފޯކައިދޫ ފައިނަލަށް ދަތުރުކުރީ އަތޮޅު ފައިނަލުގައި 3 - 0 ން މިލަންދޫ ބަލިކޮށެވެ.
މިމެޗުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިގެންދާނެ ދެ ކުޅުންތެރިންނަކީ ށ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފޯކައިދޫގެ ޖޯޒީ ނަމްބަރު 69 އިބްރާހިމް މުޝީރު އަދި ނ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާފަރުގެ ޖޯޒީ ނަމްބަރު 10 އިރުޝާދު އަދުނާނެވެ. މިދެކުޅުންތެރިން ވަނީ މިހާތަނަށް މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެކުޅުންތެރިންވެސް މިހާތަނަށް މުބާރާތުގައި ވަނީ 6 ލަނޑު ކާމިޔާބުކޮށް 2 އެސިސްޓް ހަދާފަ އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.