twitterviber whatsapp telegramfacebookyoutube instagram
28th April 2024

ފޯކައިދޫ ބަލިކޮށް ބްލޮކް 2 ގެ ޗެމްޕިއަންކަން މާފަރަށް!

މުޙައްމަދު އަހުމަދު
Feb 4, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ބްލޮކް 2 ގެ ފައިނަލުގައި ނ އަތޮޅުގެ ޗެމްޕިއަން މާފަރުން 5 - 1 ން ށ އަތޮޅުގެ ޗެމްޕިއަން ފޯކައިދޫ ބަލިކޮށް ބްލޮކް ޗެމްޕިއަންކަން ހޯދައިފި އެވެ.

މާފަރުން ފޯރިގަދަ ފައިނަލަކަށް ފަހު ބްލޮކް 2 ގެ ޗެމްޕިއަންކަން ހޯދިއިރު ފޯކައިދޫއަށް މިވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ. މާފަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފައިނަލުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މާފަރުގެ ޖޯޒީ ނަމްބަރު 16 އަފްރާހް މުހައްމަދެވެ.

މާފަރު ފައިނަލަށް ދަތުރުކުރީ އަތޮޅު ފައިނަލުގައި ޅޮހީގެ މައްޗަށް 4 - 2 ން ކުރިހޯދައިގެންނެވެ. އަދި ފޯކައިދޫ ފައިނަލަށް ދަތުރުކުރީ އަތޮޅު ފައިނަލުގައި 3 - 0 ން މިލަންދޫ ބަލިކޮށެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.

ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355