ކުޅުދުއްފުށި މޮނިޓަރިންގައި އޮތުމުން މުބާރާތް ވަނީ ނޮޅިވަރަންފަރަށް ބަދަލުކުރެވިފަ
ކުޅުދުއްފުށީގައި ޖެނުއަރީ މަހު ފަށަން ހަމަޖެހިފައި އޮތް ޓެކާސް މޯލްޑިވްސް ކަޕްގެ ހދ ގެ މެޗުތައް ކޮވިޑާހެދި ފަސްކުރުމަށް ފަހު އަލުން އަނެއްކާ ހދ ގެ މެޗުތައް ކުޅެން ތައްޔާރުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ބަދަލުގައި މިފަހަރު މުބާރާތް ބާއްވާނީ ހދ. ނޮޅިވަރަންފަރުގަ އެވެ. މުބާރާތް ހުޅުވާ މެޗުގައި މާދަމާ ހަވީރު 5 ޖަހާއިރު ނޮޅިވަރަންފަރު ނުކުންނާނީ ނޭކުރަންދޫއާ ދެކޮޅަށެވެ. އަދި އެރޭ 8:30 ގައި ކުޅުދުއްފުށި ނުކުންނާނީ ހަނިމާދޫއާ ދެކޮޅަށެވެ.
ހދ އިން ބައިވެރިވި ޓީމުތަކަކީ ނޭކުރަންދޫއާއި ކުޅުދުއްފުއްޓާއި ހަނިމާދޫ އަދި ކުމުންދޫގެ އިތުރުން ނޮޅިވަރަންފަރެވެ. މިތަނުން މޮޅުވާ ޓީމަކަށް ބްލޮކް 1 ގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެޓީމަކުން ބައްދަލުކުރަން ޖެހޭނީ ބްލޮކް 2 ގެ ޗެމްޕިއަންކަން ހޯދި ނ. މާފަރާ އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.
މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.