ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ ނަރުހުންގެ ޖަމިއްޔާއާ ބައްދަލުކޮށް ކަމާގުޅޭ ދާއިރާގެ ކަންބޮޑުވުންތައް އަޑުއަހާފަ އެވެ.
އެ ބައްދަލުވުމާ ގުޅިގެން ނަރުހުންގެ ޖަމިއްޔާގެ ރައީސް ވިދާޅުވީ މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ނަރުހުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން އެ ގޮންޖެހުންތައް ކުޑަކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ މުސާރައިގެ މައްސަލަ އެވެ.
Discussion with minister Naseem and senior officials of MOH with Maldives Nurses Association on areas of collaboration @mna_nurses_ pic.twitter.com/7O2bIEjuIp
— Ministry of Health (@MoHmv) February 6, 2022
އޭނާ ވިދާޅުވީ މިނިސްޓްރީއާ އެކު ބޭއްވުނު މަޝްވަރާތަކަށްފަހު ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިއްޖެ ކަމަށެވެ. އަދި ހުރިހާ ނަރުހުންނާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން މައްސަލަތަކަށް ހައްލެއް ހޯދޭނެ ކަމަށެވެ.
ނާސިން އެންޑް މިޑްވައިފްރީ ކައުންސިލާއި ހެލްތު މިނިސްޓްރީ އަދި ނާސިން އެސޯސިއޭޝަން ގުޅިގެން މަސައްކަތްކުރާނެ ކޮމިޓީއެއް އުފައްދައި މި ހަފްތާގައި މަސައްކަތް ފެށުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ ޗީފް ނާސިން އޮފިސަރުގެ މަގާމު އުފެއްދުމާ ގުޅޭގޮތުންނެވެ.
އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ޗީފް ނާސިން އޮފިސަރަކާއި އިތުރު ތިން ސަރަހައްދަކަށް ޗީފް ނާސިން އޮފިސަރެއް އައްޔަންކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.