ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް ހަސަން ކަލާމް ހަމަޖައްސައިފިއެވެ.
ކަލާމް އަކީ ފައިނޭންޝަލް ސަރވިސަސް އަދި ބޭންކިންގ އިންޑަސްޓްރީ ގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ. 2013 ވަނަ އަހަރު ބޭންކާއި ގުޅިވަޑައިގަތުމަށްފަހު އިސްލާމިކް ބޭންކިންގ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަލާމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ކަލާމް ހުންނެވީ ބީއެމްއެލް އިސްލާމިކްގެ އިންޓެރިމް އިންޗާރޖް ގެ މަގާމުގައެވެ.
" ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގެ ގޮތުގައި ކަލާމް ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރާއިރު، އިސްލާމިކް ބޭންކިންގ އާ ގުޅޭ ގޮތުން ކަލާމަށް ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް ފުރިހަމަ އިތުރުބާރު އެބައޮތް. މި އައު މަގާމާއި ކުރިމަތިލާއިރު ކަލާމް އަށް ކާމިޔާބަށް އެދެން." މި މަގާމަށް ކަލާމް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވި އެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރި ދިވެހިންނެވެ. ބޭންކުން ދަނީ ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.