މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މިއަދުގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށިން ކުމުންދޫ ކޮޅަށް 7 ލަނޑު ޖަހާ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފި އެވެ.
7 - 0 ން ކުމުންދޫ މައްޗަށް ކުޅުދުއްފުށިން ކުރިހޯދި ނަމަވެސް ފުރަތަމަ މެޗުގައި އެޓީމު ހަނިމާދޫ އަތުންވީ ބައްޔެވެ. އެމެޗުންވީ ބަލި ހަނދާން ނައްތާލާ ދެވަނަ މެޗުގައި ޓީމް ކުޅުދުއްފުށީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މިމެޗުގައި ކުމުންދޫގެ ފަރާތުން އެންމެ އެދެވޭ ކުޅުން ނުފެނުންއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ކުޅުދުއްފުށީގެ ޖޯޒީ ނަމްބަރު 21 އަސްޖައު މޫސާ އެވެ. އޭނާ ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.
މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.