twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށިން ނޭކުރަންދޫ ބަލިކުރިއިރު ކުމުންދޫ އިތުރު ހާސްކަމެއްގެ ތެރެއަށް!

މުޙައްމަދު އަހުމަދު
Feb 10, 2022
1

ޓެކާސް މޯލްޑިވްސް ކަޕްގައި އިއްޔެ ކުޅެވުނު މެޗުތަކުގައި ކުޅުދުއްފުށިން ނޭކުރަންދޫ ބަލިކޮށް ހަމަޖެހުމެއް ލިބުނުއިރު ނޮޅިވަރަންފަރު އަތުން ބަލިވެ ކުމުންދޫ އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި 2 - 0 ން ކުޅުދުއްފުށި ހަނިމާދޫ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ކުޅުން ރަނގަޅުކޮށް އެޓީމުން ކުމުންދޫ ކޮޅަށް 7 ލަނޑު ޖެހި އެވެ. ކުޅުދުއްފުށީގެ ތިންވަނަ މެޗު އިއްޔެ ހަވީރު ކުޅެވުނުއިރު އެމެޗުގައި 2 - 0 ން ކުޅުދުއްފުށިން ވަނީ ނޭކުރަންދޫ ބަލިކޮށްފަ އެވެ.

ފުރަތަމަ މެޗުގައި ނޭކުރަންދޫއިން 4 - 0 ން ނޮޅިވަރަންފަރު ބަލިކޮށް ރަނގަޅު ފެށުމަކުން މުބާރާތް ފެށިކަމުގައިވީ ނަމަވެސް ދެވަނަ މެޗުގައި ހަނިމާދޫ އަދި ތިންވަނަ މެޗުގައި ކުޅުދުއްފުށި އަތުން ބަލިވެ އެޓީމަށް މިވަނީ އިތުރު އުދަނގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ނޭކުރަންދޫ ދެން އިތުރަށް މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ ޖެހޭނީ މިއަދު ހަވީރު ކުޅޭ މެޗުން ކުމުންދޫ ބަލިކޮށް ދެން ހުރި ޓީމުތަކުގެ ނަތީޖާއަށް ބަލާށެވެ.

އިއްޔެ ރޭ ކުޅެވުނު އަނެއް މެޗުގައި 2 - 0 ން ނޮޅިވަރަންފަރުން ވަނީ ކުމުންދޫ ބަލިކޮށް މުބާރާތުގައި ފުރަތަމަ މޮޅު ހޯދާފަ އެވެ. ފުރަތަމަ މެޗުގައި ނޭކުރަންދޫ އަތުން ބަލިވި ނަމަވެސް ރޭގެ މެޗުގައި ނޮޅިވަރަންފަރުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ކުމުންދޫ ބަލިކޮށްފަ އެވެ. މުބާރާތުގައި ހުރިހާ ޓީމަކަށް ވެސް އަދި ފައިނަލު ކުޅުމުގެ އުއްމީދު އޮތް ނަމަވެސް އިއްޔެވީ ބައްޔާއެކު ނޭކުރަންދޫއާއި ކުމުންދޫއަށް ވެސް އިތުރު އުދަނގޫތަކަކާ މިވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އެހެންނަމަވެސް ކުޅުދުއްފުށިން މާދަމާ ރޭ ނޮޅިވަރަންފަރު ބަލިކޮށްފިނަމަ އެޓީމަށް ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ. މުބާރާތުގައި ހދ ގެ މެޗުތައް ކުރިއަށް މިދަނީ ވަރަށް ވާދަވެރިކަމާއެކު އެވެ. އަދި ހުރިހާ މެޗެއް ވެސް ވަރަށް ފޯރިގަދަކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355