twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކަސްޓަމްސް އަތުން އާރްޑީސީ ބަލިވިއިރު ކޭއާރުއެޗަށް އުދަނގޫ މޮޅެއް!

މުޙައްމަދު އަހުމަދު
Feb 17, 2022

މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ-އޮފީސް ފުޓްސަލް ޓޯނަމެންޓުގައި ރޭ ކަސްޓަމްސް އަތުން އާރްޑީސީ ބަލިވިއިރު ކޭއާރުއެޗުން އެސްޓީއޯ އަތުން އުދަނގޫ މޮޅެއް ހޯދައިފި އެވެ.

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ކަސްޓަމުން 4 - 0 ން އާރްޑީސީ ބަލިކުރިއިރު މިމެޗުގައި ކަސްޓަމްސް ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. 22 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ކަސްޓަމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 5 ހަސަން ނޫރިޝް އެވެ.

ކަސްޓަމުގެ ކެޕްޓަން ފަތުހުﷲ އާދަމް (ފައްތެ) އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު އޭގެ އިރުކޮޅެއް ފަހުން އެޓީމުގެ އިބްރާހިމް ޝަނޫން ވަނީ ތިންވަނަ ލަނޑު ޖަހާ ކަސްޓަމަށް ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. މެޗުގެ އެންމެ ފަހު ލަނޑު އޭގެ ދެ މިނެޓު ފަހުން ޖަހައިދިނީ ކަސްޓަމް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އާދަމް އެވެ.

ރޭގެ ދެވަނަ މެޗުގައި ކޭއާރުއެޗުން ނުކުތީ އެސްޓީއޯއާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ ވާދަވެރި ނަތީޖާއަކުންނެވެ. 3 - 2 ގެ ހަނި ތަފާތަކުން ކޭއާރުއެޗުން މިމެޗު ކާމިޔާބުކުރިއިރު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކޭއާރުއެޗުގެ މުހައްމަދު އާލިމް ވަނީ މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ކުޅުދުއްފުށީ ޓާފް ދަނޑުގައި ކުޅެވުނު މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އެސްޓީއޯއިންނެވެ. އެއީ އެސްޓީއޯގެ ޖޯޒީ ނަމްބަރު 23 އިބްރާހިމް މާޒް ސައީދު އެޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އެލަނޑު ޖެހުމަށްފަހު އެސްޓީއޯއަށް ހަމަޖެހިނުލެވެނީސް އޭގެ މިނެޓެއް ފަހުން ކޭއާރުއެޗުގެ އަހްމަދު ދާއޫދު (ޑޭވިޑް) ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން 13 ވަނަ މިނެޓުގައި ކޭއާރުއެޗުގެ އަސްޖައު މޫސާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އެސްޓީއޯގެ ހަސަން މުހައްމަދު ވަނީ މެޗުގެ 27 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެހެންނަމަވެސް އެލަނޑު ޖެހިތާ މިނެޓެއްފަހުން ކޭއާރުއެޗުގެ އަބޫބަކުރު އާދަމް ވަނީ ކޭއާރުއެޗު މެޗުން މޮޅުކޮށްދިން ގޯލު ޖަހައިދީފަ އެވެ. އެއީ ކޭއާރުއެޗުން މެޗުގައި ލީޑު ނެގި ދެވަނަ ފަހަރެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ އާރްސީއެލްއާއި އަފީފުއްދީން އެސްއާރުސީ އެވެ. މިމެޗު 5 - 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާރްސީއެލުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އާރްސީއެލުންނެވެ. އާރްއޭސީއެލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 13 ހުސެއިން އަހްމަދު އެވެ. އޭގެއިރުކޮޅެއްފަހުން އަފީފުއްދީނުގެ އަހްމަދު ހުސާމް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އަފީފުއްދީނުން އެއްވަރުކުރިތާ ދެމިނެޓު ފަހުން އާރްއޭސީއެލްގެ އަހްމަދު މުޖުތަބާ ވަނީ އެޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ. އޭނާ މެޗުގައި ޖުމްލަ 2 ލަނޑު ކާމިޔާބުކުރި އެވެ. އާރްއޭސީއެލްގެ އަހްމަދު އިބްރާހިމް ވެސް ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށްފަ އެވެ.

މިމުބާރާތުގައި މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި ދިރާގާއި އާރްޑީސީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކޭޕީއެލުން ނުކުންނާނީ އުރީދޫއާ ދެކޮޅަށެވެ. އަދި ފަހުމެޗުގައި ބައްދަލުކުރާނީ ޕޮލިހާއި ފެނަކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355