ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރ. އަތޮޅު މަޑުއްވަރީގައި މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
މިއަދު ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ރ. އަތޮޅު އުނގޫފާރު އަދި މީދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން 3 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައެވެ. މި ރަށްތަކަކީ އަލިފުށި، ދުވާފަރު އަދި މަޑުއްވަރީ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " މަޑުއްވަރީގައި މި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އޭޓީއެމް ވިއުގަ އަށް އޭޓީއެމް އިތުރުކުރެވިގެންދިޔުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތުގެ ސަބަބުން މަންފާކުރާނެ."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 137 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.