twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށި ކުޅޭ ޓެކާސް ކަޕްގެ ސެމީ ފައިނަލް ދަރަވަންދޫގައި، ނުކުންނާނީ ޒޯން 2 ޗެމްޕިއަނުންނާ ދެކޮޅަށް!

މުޙައްމަދު އަހުމަދު
Mar 1, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގައި ކުޅުދުއްފުއްޓާއި ޒޯން 2 ގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗު ބ. ދަރަވަންދޫގައި ކުޅެން ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށި މިމުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިމިވަނީ އަތޮޅު ބުރުގެ ފައިނަލުގައި ހަނިމާދޫ ބަލިކޮށް ޒޯން 1 ގެ ފައިނަލުގައި ނ. މާފަރު ބަލިކޮށްގެންނެވެ. އަދި ޒޯންގެ ތަށި ލިބުމާއެކު ކުޅުދުއްފުށި މިވަނީ 4 ޒޯނުގެ މެދުގައި ކުޅޭ މުޅި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުދުއްފުށި ކުޅޭނެ ޓީމެއް ޔަގީންވާ ކުރިއަށް އޮތް 3 ދުވަހު ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މިރޭ ބ އަތޮޅުގެ ފައިނަލުގައި އޭދަފުއްޓާއި ދަރަވަންދޫ ވާދަކުރާއިރު އެތަނުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ ރ. ދުވާފަރާ ދެކޮޅަށެވެ. ރ އަތޮޅުން ބައިވެރިވީ ދުވާފަރު އެކަންޏެވެ.

ޒޯން 2 ގެ ފައިނަލް ކުޅޭ ޓީމުތައް ޔަގީންވާނީ މާދަމާ ބ އަތޮޅުގެ ޗެމްޕިއަނުންނާ ރ އަތޮޅުގެ ޗެމްޕިއަން ބައްދަލުކުރާ މެޗަށް ފަހުގަ އެވެ. އެމެޗުން މޮޅުވާ ޓީމެއް ޒޯން 2 ގެ ފައިނަލުގައި ނުކުންނާނީ ނައިފަރާ ދެކޮޅަށެވެ. އަދި ޒޯން 2 ގެ ފައިނަލުން މޮޅުވާ ޓީމެއް އުތުރުގެ ފައިނަލުގައި ކުޅުދުއްފުއްޓާއި ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ.

މިމުބާރާތުގެ ޒޯން 2 ގެ ހުރިހާ މެޗެއް ދަރަވަންދޫގައި ކުޅެން ހަމަޖެހިފައިވާއިރު އުތުރުގެ ފައިނަލުގައި ކުޅުދުއްފުއްޓާއި ޒޯން 2 ގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗު ވެސް ކުޅޭނީ ދަރަވަންދޫގަ އެވެ. އެހެންނަމަވެސް މިމެޗު ކުޅޭ ވަގުތު އަދި ހަމަ ނުޖެހެ އެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.

ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355