މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ބ އަތޮޅު ބުރުގެ ފައިނަލުގައި މިރޭ ދަރަވަންދޫ މައްޗަށް ކުރިހޯދާ ބ އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފި އެވެ.
މިރޭ ކުޅުނު ފައިނަލު މެޗުގައި އޭދަފުށިން ދަރަވަންދޫގެ މައްޗަށް ކުރިހޯދީ 2 - 0 ގެ ތަފާތަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދަރަވަންދޫ ބަލިވެ ޓެކާސް މޯލްޑިވްސް ކަޕުން ކެޓިއިރު ފައިނަލުގައި އެޓީމުން ވަނީ އޭދަފުށީގެ ޓީމަށް ރަނގަޅު ފައިޓެއްދީ ވާދަވެރި ކުޅުމެއް ދައްކާފަ އެވެ.
ދަރަވަންދޫ ބަލިކޮށް އޭދަފުށިން ބްލޮކް ފައިނަލަށް ދަތުރުކުރި މިރޭ ކުޅެވުނު އަތޮޅު ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭދަފުށީގެ ޖޯޒީ ނަމްބަރު 67 އަހްމަދު އަޝްރަފް (ސޮބީ) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭދަފުށީގެ ކޯޗު މޫސާ ސައީދެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ކިހާދޫގެ ޖޯޒީ ނަމްބަރު 7 އަހްމަދު އާހިލް އާމިރު ހޯދިއިރު ޓޮޕް ޕްލޭމޭކަރުގެ މަގާމުވެސް ހާސިލްކުރީ އަހްމަދު އާހިލް އާމިރެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ އޭދަފުށީގެ ޖޯޒީ ނަމްބަރު 27 އިބްރާހިމް ޝަރީފް، އެޓީމުގެ ޖޯޒީ ނަމްބަރު 11 ޝާހީ މޫސާގެ އިތުރުން މާޅޮހުގެ ޖޯޒީ ނަމްބަރު 10 ހަސަން ރަޝާދުއާއި ދަރަވަންދޫގެ ޖޯޒީ ނަމްބަރު 10 ސާމިހު އަލީ ޝަރީފު އަފި ކިހާދޫގެ އަހްމަދު އާހިލް އާމިރެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ދަރަވަންދޫގެ ޖޯޒީ ނަމްބަރު 10 ސާމިހު އަލީ ޝަރީފެވެ. އޭނާ ވަނީ މިމުބާރާތުގައި 8 ގޯލް ކާމިޔާބުކޮށްފަ އެވެ. މީގެކުރިން ޓެކާސް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އޮތީ މާފަރުގެ އޭޓީއާއި ހަނިމާދޫގެ އާސިއްޕެގެ އިތުރުން ފޯކައިދޫގެ މުޝީރު އަތުގަ އެވެ. އެއީ 7 ލަނޑު ޖަހައިގެންނެވެ. އެހެންނަމަވެސް މިހާރު 8 ލަނޑު ޖަހާ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އޮތީ ދަރަވަންދޫގެ ސާމިހު އަތުގަ އެވެ.
ބ އަތޮޅު ބުރުގައި އެންމެ މޮޅު ކުޅުމެއް ދައްކާ ބ އަތޮޅުގެ ކިންގްގެ މަގާމު ހޯދާފައިވަނީ އޭދަފުށީގެ ކުޅަދާނަ ކީޕަރު އަލީ އަޖްފާން އަމްޖަދެވެ. އޭނާ ވަނީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ބުދަ ދުވަހު ބްލޮކުގެ ފައިނަލު ކުޅޭއިރު ފައިނަލުގައި އޭދަފުށިން ނުކުންނާނި ރ. ދުވާފަރާ ދެކޮޅަށެވެ. މިމެޗުން މޮޅުވާ ޓީމެއް އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ޒޯން 2 ގެ ފައިނަލުގައި ޅ. ނައިފަރާ އެވެ. އަދި އެމެޗުން މޮޅުވާ ޓީމެއް އަންނަ އާދިއްތަ ދުވަހު ޓެކާސް ކަޕްގެ ސެމީގައި ކުޅުދުއްފުއްޓާ ދެކޮޅަށް ނުކުންނާނެ އެވެ.