މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 2 ގެ ބްލޮކް 1 ގެ ފައިނަލުގައި ގަދަފަދަ ބ. އޭދަފުށި ބަލިކޮށް ރ. ދުވާފަރުން ޗެމްޕިއަންކަން ހޯދައިފި އެވެ.
އޭދަފުށި ބްލޮކްގެ ފައިނަލަށް ދަތުރުކުރީ ދަރަވަންދޫ ބަލިކޮށް ބ އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އަދި ދުވާފަރު ފައިނަލަށް ދަތުރުކުރީ ރ އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ރ އަތޮޅުން ބައިވެރިވެފައިވަނީ ވެސް ދުވާފަރު އެކަންޏެވެ.
މިއަދު ހަވީރު ކުޅެވުނު ފޯރިގަދަ ބްލޮކް ފައިނަލުގައި ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިފައިވާއިރު ދުވާފަރު މިވަނީ ޒޯން 2 ގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިމެޗު ދުވާފަރުން ކާމިޔާބުކުރީ 2 - 1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދުވާފަރުގެ ޖޯޒީ ނަމްބަރު 9 އިސްމާއިލް އިކްލީލް އެވެ..
މާދަމާ ހަވީރު 4:30 ގައި ޒޯން 2 ގެ ފައިނަލު ކުޅެވޭއިރު އެމެޗުގައި ދުވާފަރުން ނުކުންނާނީ ޅ. ނައިފަރާ ދެކޮޅަށެވެ. އަދި އެމެޗުން މޮޅުވާ ޓީމަކަށް ޒޯން 2 ގެ ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.
ޒޯން 2 ގެ ޗެމްޕިއަން ހޮވާ މެޗުން މޮޅުވާ ޓީމެއް ޓެކާސް ކަޕްގެ ސެމީގައި ނުވަތަ މުޅި އުތުރުގެ ޗެމްޕިއަން ހޮވާ ފައިނަލުގައި ނުކުންނާނީ ޒޯން 1 ގެ ޗެމްޕިއަންކަން ހޯދި ޓީމް ކުޅުދުއްފުއްޓާ ދެކޮޅަށެވެ.
އެމެޗު ވެސް ކުޅެވޭނީ ޒޯން 2 ގެ ފައިނަލު ވެސް ކުޅެން ހަމަޖެހިފައިވާ ދަރަވަންދޫ ޓާފް ދަނޑުގަ އެވެ. އުތުރުގެ ޗެމްޕިއަން ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 6 މާރޗްވާ އާދިއްތަ ދުވަހު އެވެ.