މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގައި ދުވާފަރު ބަލިކޮށް އުތުރުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުދުއްފުށި މުޅި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިމެޗުގައި ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މެޗު ނިމުނީ 3 - 3 ން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދުވާފަރުންނެވެ. ކުޅުދުއްފުށިން ފުރަތަމަ ލަނޑު ވަނުމާއެކު ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. އެހެންނަމަވެސް މެޗުގައި ދެވަނަފަހަރަށް ލަނޑު ޖަހާ ލީޑު ފުޅާކުރީ ވެސް ދުވާފަރުންނެވެ.
މެޗުގައި ކުޅުދުއްފުށިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ އެޓީމުގެ ކެޕްޓަން ޑޭވިޑް ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުވުމުންނެވެ. ކުޅުދުއްފުއްޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަންވަރު އާދަމް އެވެ. އަންވަރު ނަތީޖާ ހަމަކުރި ނަމަވެސް ދުވާފަރުން ވަނީ 3 ވަނަ ލަނޑެއް ޖަހާ މެޗުގައި ދެވަނަފަހަރަށް ލީޑު ނަގާފަ އެވެ.
މެޗުގައި ކުޅުދުއްފުއްޓަށް ނަތީޖާ އެއްވަރުކޮށްދީ ޕެނަލްޓީއާ ހަމައަށް ގެންގޮސްދިން ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 10 އަބޫ އެވެ. މިމެޗުގައި ޕެނަލްޓީ ޖަހައިގެން 11 - 10 ން ކުޅުދުއްފުށިން ދުވާފަރު ބަލިކުރިއިރު މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުޅުދުއްފުށީގެ ކީޕަރު މާހީ އަބްދުﷲ އެވެ.
މިމެޗުގައި ކުޅުދުއްފުށިން ވާދަވެރި ކުޅުމަކަށް ފަހު ޕެނަލްޓީގައި މެޗު ކާމިޔާބުކުރިއިރު ކުޅުދުއްފުށި މިހިސާބަށް އައީ އަތޮޅު ފައިނަލުގައި ހަނިމާދޫ ބަލިކޮށް އަދި ޒޯން 1 ގެ ފައިނަލުގައި މާފަރު ބަލިކޮށްގެންނެވެ. ދުވާފަރު މިހިސާބަށް އައިސްފައިވަނީ ބްލޮކް ފައިނަލުގައި ގަދަފަދަ އޭދަފުށި ބަލިކޮށް އަދި ޒޯން 2 ގެ ފައިނަލުގައި ނައިފަރު ބަލިކޮށްގެންނެވެ. އެހެންނަމަވެސް ކުޅުދުއްފުށި އަތުން ދުވާފަރު މިވަނީ މުބާރާތުން ކަޓާފަ އެވެ.
އުތުރުގެ ޗެމްޕިއަންކަން ދުވާފަރު ބަލިކޮށް ކުޅުދުއްފުށިން ހޯދިއިރު ކުޅުދުއްފުށި މިހާރު މިވަނީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލު ކާމިޔާބުކޮށް މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެމެޗު ކުޅެވޭނީ ދެކުނުގެ ޗެމްޕިއަނުން ހޮވުމަށްފަހު އެވެ.