އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށް ކޮށްފައިވާ އަސަރާއެކު ބޭންކް އޮފް މޯލްޑިވަސް (ބީއެމްއެލް)ގެ ކާޑުތައް ރަޝިޔާގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ރަޝިއާ އާއި ދެކޮޅަށް ގައުމުތަކުން ފިޔަވަޅުތައް އަޅަން ފެށީ އެ ގައުމުން ޔުކްރޭނަށް އަރައި ދެމުންގެންދިޔަ ހަމަލާތަކާ ގުޅިގެންނެވެ.
ބީއެމްއެލް އިން ދޫކުރާ ވިސާ އާއި މާސްޓަ ކާޑުގެ އިތުރުން އެމެރިކަން އެކްސްޕްރެސް ކާޑަކީ އެމެރިކާގެ އުފެއްދުމަކަށް ވާތީ އެ ކާޑުތައް ބޭނުންކޮށްގެން ހިދުމަތް ހޯދޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމެރިކާ އަށް ލިބިފައިވެ އެވެ.
އެ ބާރުގެ ދަށުން އެމެރިކާ އިން ވަނީ އެ ގައުމުގެ ކާޑު ނެޓްވޯކް ރަޝިއާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ. އެހެންވެ ބީއެމްއެލްގެ ކާޑުތަކަށް ވެސް ރަޝިއާގައި ހިދުމަތް ލިބެމުން ނުދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން މިފަދަ ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުގެ މާޗަންޓުންނަށް ފައިސާ ނުލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކާޑުގެ މުއާމަލާތްތަކާއި މަރޗަންޓް ހިދުމަތްތަކުގެ އިތުރުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ގެނައުމުގެ ޚިދުމަތަށްވެސް މިވަނީ މި ފިޔަވަޅުތަކާއެކު އަސަރުކޮށްފައެވެ. މިގޮތުން ރަޝިޔާގެ ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައިވެސް އިތުރު ވަގުތު ހޭދަވުން ނުވަތަ ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.