twitterviber whatsapp telegramfacebookyoutube instagram
7th May 2024

ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުން މި މަހުގެ 21ގެ ނިޔަލަށް

ނަބީލާ އިސްމާޢީލް
Apr 5, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21ގެ ނިޔަލަށް ހަމަވާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުޅުވާލާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ފަންޑުގެ ދަށުން ތިން ދަރިވަރަކަށް ސްކޮލަޝިޕް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ.

އެ ފަންޑަކީ ބޭންކިންއާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލާފައިވާ ފަންޑެކެވެ.

އެ ފަންޑުގެ ދަށުން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ އެކި ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅޭނެއެވެ.

އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން، އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ މީހުންނަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ.

މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ އަދި ފޮތް ގަތުމުގެ ޚަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ޚަރަދު ދިނުމަށް ހަމަޖެހިފައިވެއެވެ.

ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު، މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން [email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.

ސްކޮލަޝިޕް ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ، މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް އެ ބޭންކުން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355