twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އެތްލެޓިކޯ އަތުން ސިޓީ މޮޅުވިއިރު ބެންފީކާ ބަލިކޮށް ލިވަޕޫލް ސެމީއާ ގާތަށް

މުޙައްމަދު އަހުމަދު
Apr 6, 2022

ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގައި އެތްލެޓިކޯ އަތުން ސިޓީ މޮޅުވިއިރު ބެންފީކާ ބަލިކޮށް ލިވަޕޫލް ސެމީއާ ގާތަށް ޖެހިލައިފި އެވެ.

ރޭ މެންޗެސްޓާ ސިޓީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1 - 0 ގެ ހަނިތަފާތަކުން ސިޓީން ކާމިޔާބުކުރިއިރު މިމެޗުގައި އެތްލެޓިކޯގެ ފަރާތުން ފެނިގެންދިޔައި ޑިފެންސިވް ގޭމެކެވެ.

މިފަހަރުގެ މުބާރާތުގައި ދެލެގު ކުޅެ އެގްރިގޭޓަށް ބަލާއިރު ރަށުން ބޭރުގައި ޖަހާ ގޯލުގެ ގަވާއިދަށް އަމަލުކުރުން ހުއްޓާލާފަވުމުން ކޮންމެ ޓީމަކުން ސެމީއަށް ދަތުރުކުރަންޏާ ޖެހޭނީ ސީދާ ސްކޯއަކުން މޮޅުވާށެވެ.

ރޭގެ މެޗުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމުގެ ކުޅަދާނަ މިޑްފީލްޑަރު ކެވިން ޑި ބްރޫނާ ކާމިޔާބުކޮށްދިންއިރު މުޅި މެޗުގައި ސިޓީން ޖުމްލަ 15 ހަމަލާ ފޮނުވާއިރު ގޯލާ އަމާޒުކޮށް ވަނީ 2 ހަމަލާއެއް ފޮނުވާލާފަ އެވެ. އެހެންނަމަވެސް އެތްލެޓިކޯއަށް ރޭ ސިޓީގެ ގޯލާ ދިމާލަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވެ އެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ސިޓީން މެޗު ޑޮމިނޭޓްކުރި ނަމަވެސް ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްކުރުން ސިޓީއަށް ވެސްވީ ވަރަށް އުދަނގޫކަމަކަށެވެ. އެތްލެޓިކޯއިން މުޅި މެޗުގައި ވެސް ވަރަށް ޑިފެންސިވް ގޭމެއް ކުޅުނުއިރު އެޓީމުގެ ގިނަ ފައުލުތަކެއް ވެސް މިމެޗުގައި ފެނިގެންގޮސްފައިވެ އެވެ.

ރޭ ކުޅެވުނު އަނެއް މެޗުގައި ފަސޭހަކަމާއެކު 3 - 1 ން ބެންފީކާ ބަލިކޮށް ލިވަޕޫލުން ވަނީ ސެމީއާ އެއް ފިޔަވަޅު ގާތަށް ޖެހިލާފަ އެވެ. ރޭގެ މެޗުގެ ފުރަތަމަ 34 މިނެޓުގެ ތެރޭގައި ލިވަފޫލުން ވަނީ 2 ލަނޑުގެ ލީޑެއް ވެސް ނަގާފަ އެވެ.

ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ލިވަޕޫލުން ބެންފީކާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ. ރޭގެ މެޗުގައި ލިވަޕޫލުން ފުރަތަމަ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައި އިބްރާހިމާ ކޮނާޓޭ ޖެހި ލަނޑުންނެވެ. 34 މިނެޓުގައި ސަޑިއޯ މާނޭ ލިވަޕޫލަށް ލީޑު ފުޅާކޮށްދިންއިރު ފުރަތަމަ ހާފު ނިމުނީ 2 - 0 ން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ބެންފީކާގެ ނުނޭޒް ވަނީ އެޓީމަށް މެޗުގެ ފަރަގު ކުޑަކޮށްދީފަ އެވެ. މެޗުގައި ލިވަޕޫލްގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ލުއިސް ޑިއާޒް އެވެ.

މިރޭ ވެސް ކުއާޓާގެ ދެމެޗު ކުޅެވޭނެ އެވެ. މިރޭ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ބަޔާންއާއި ވިޔަރެއާލްގެ އިތުރުން ޗެލްސީއާއި ރެއާލް މެޑްރިޑެވެ. މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355