އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލުން ޔޫރަޕުގެ އަދި ޕްރިމިއާ ލީގުގެ ގަދަބާރު ލިވަޕޫލުން ޖާގަ ހޯދައިފި އެވެ.
10 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލުން އެފްއޭ ކަޕްގެ ފައިނަލުގައި ކުޅޭއިރު އެޓީމުން މިރޭގެ މެޗުގައި ސިޓީގެ މައްޗަށް ކުރިހޯދީ 2 - 1 ގެ ތަފާތަކުންނެވެ. އެންމެފަހުން ލިވަޕޫލުން އެފްއޭ ކަޕުގެ ފައިނަލުގައި ޗެލްސީ އަތުން 2 - 1 ން ވަނީ ބަލިވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ 3 ލަނޑުގެ ލީޑެއް ނަގާފަ އެވެ. 9 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު އިބްރާހިމާ ކޮނާޓޭ ޖަހައިދިންިއިރު ދެވަނަ ލަނޑު ޖަހައިދިނީ 17 ވަނަ މިނެޓުގައި ސިޓީގެ ކީޕަރުގެ މިސްޓޭކެއްގެ ފައިދާ ނަގައި ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަނެއްކާވެސް މާނޭ ވަނީ ލިވަޕޫލްގެ 3 ވަނަ ލަނޑު ޖަހާފަ އެވެ.
ކައިލް ވޯކާއާ ކެވިން ޑި ބްރޫނާ ނުލައި ނުކުތް ސިޓީން ވަނީ ދެވަނަ ހާފު ފަށައިގެން 2 މިނެޓްތެރޭ ލަނޑެއްޖަހާ ސިޓީއަށް އުއްމީދު އާކޮށްދީފަ އެވެ. މެޗުގައި ސިޓީއަށް ވެސް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. އެގޮތުން ޖީސޫސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބެނާޑޯ ސިލްވާ އެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން ސިޓީން ވަރަށް މަސައްކަތްކުރި ނަމަވެސް ވަނީ ކާމިޔާބުވާ ގޮތްނުވެ މުބާރާތާ އަލްވަދާއުކިޔަން ޖެހިފަ އެވެ.
ފައިނަލުގައި ލިވަޕޫލުން ނުކުންނަން ޖެހޭނީ ދެވަނަ ސެމީގައި މާދަމާ ރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ. ފައިނަލް އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
އެފްއޭ ކަޕުން ކެޓުމާއެކު ސިޓީ އަށް ދެން އޮތީ އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތައް އެކަންޏެވެ. ޗެމްޕިއަންސް ލީގުގެ ސެމީގައި ސިޓީން ނުކުންނަން ޖެހޭނީ އެމުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލާ ދެކޮޅަށެވެ.