ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު މެންޗެސްޓަރ ސިޓީން ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
ރޭ ކުޅެވުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ސިޓީން މެޗު ކާމިޔާބުކުރީ 4 - 3 ގެ ހަނި ތަފާތަކުންނެވެ. މިމެޗުން މޮޅުވުމާއެކު އަންނަ ހަފްތާ ރެއާލްގެ ދަނޑުގައި ކުޅެވޭ ދެވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ސިޓީއަށް އޮންނާނެ އެވެ.
ސިޓީން ވަނީ މިދިޔަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެހެންނަމަވެސް އެފަހަރު ފައިނަލުގައި ޗެލްސީ އަތުން ބަލިވީ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޓީންނެވެ. މިލަނޑަކީ މެޗުގެ 2 ވަނަ މިނެޓުގައި ރިޔާދް މާރޭޒްގެ ހުރަހަކުން ކެވިން ޑި ބްރޫނާ ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ކެވިން ޑި ބްރޫނާގެ ހުރަހަކުން ގެބްރިއަލް ޖީސޫސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
33 ވަނަ މިނެޓުގައި ފާލަންޑް މެންޑީގެ ނެގި ހުރަހަކުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާ ވަނީ އެޓީމަށް މެޗުގެ ފަރަގު ކުޑަކޮށްދީފަ އެވެ. 52 ވަނަ މިނެޓުގައި ބޮލުން ގޯލަށް ވައްދާލާއި ސިޓީގެ ފޯޑެން އެޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ރެއާލްގެ ވިނީޝިއަސް ޖޫނިއާ ވަނީ އަނެއްކާވެސް ރެއާލަށް ފަރަގު ކުޑަކޮށްދީފަ އެވެ.
ސިޓީގެ 4 ވަނަ ލަނޑު 73 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ކާމިޔާބުކުރިއިރު ރެއާލްގެ 3 ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ.
މިރޭވެސް ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެވޭނެ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލުން ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ. މިމެޗު ފަށާނީ ރާއްޖެގަޑިން ދަންވަރު 12 ޖަހާއިރު އެވެ.