ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަންޑު ކުރިތޯ ބަލަން ތަހުގީގު ހިންގާފައިވަނީ އެންމެ ރަނގަޅަށް ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން އައްބާސް ނެރުއްވި ބަޔާނެއްގައިވަނީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފައިސާ ހޭދަކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމަލީ ގޮތުން ބައިވެރިވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެކަމަކު ފަންޑުކުރި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން އެ ބަޔާނުގައި ފާޅުކޮށްފައިވެ އެވެ. ފަންޑުކުރި މީހުން ހޯދުމަކީ ތަހުގީގުގެ މުހިންމު ބައެއް ކަމަށާއި އެކަމަށްޓަކައި ތަހުގީގު އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އައްބާސް ވަނީ އެ މައްސަލައިގެ ޝަރީއަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެ މައްސަލަ އެގޮތަށް ލަސްވަމުން ދިއުމަކީ އެފަދަ މައްސަލަތަކުގައި ރައްޔިތުން ތަހުގީގީ އިދާރާތަކާއި ޝަރުއީ ނިޒާމަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގެ ތަހުގީގު ހިނގާގޮތް ވަރަށް ކައިރިން ޕްރޮސިކުއުޓާ ޖެނެރަލް ބަލާކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އެ މައްސލައަށް ޕީޖީގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭކަމަށާއި، ކުށް ސާބިތުކުރެވޭވަރަށް ހެކި ލިބިފައިވޭތޯ ޤަވައިދުން ބަލާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.