އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު މަރާލައިފިއެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިން މި ހަމަލާގައި ޝަހީދުވީ، އަލްޖަޒީރާގެ އަރަބި ނިއުސް ސާވިސްގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝެރީން އަބޫ އަޤްލީހްއެވެ.
އަލްޖަޒީރާގެ ނޫސްވެރިން ބުނި ގޮތުގައި، ޝީރީންގެ ގަޔަށް ބަޑި ޖެހީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިސްރާއިލުން ހިންގި އޮޕަރޭޝަންތައް ލައިވްކޮށް ކަވަރު ކުރަމުންދަނިކޮށެވެ. އޭގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާއި އަލްޖަޒީރާގެ ނޫސްވެރިން ބުންޏެވެ.
ޝެރީންއަކީ އަލްޖަޒީރާގެ އަރަބި ނިއުސް ސާވިސްގައި 15 އަހަރު ވަންދެން އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ކަވަރު ކުރަމުން ދިޔަ މަޝްހޫރު ނޫސްވެރިޔެކެވެ.
ޝީރީން ޝަހީދުކޮށްލާފައި ވަނީ އިއްޔެ ދިން ހަމަލާއެއްގައެވެ. އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ކޮންމެ އަހަރަކު އާންމުންގެ އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. މިއަހަރުގެ މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްތީންގެ 50 މީހަކު ޝަހީދު ކޮށްލާފައެވެ.
ޝީރީން އަކީ 2000 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނީއްސުރެ އަލްޖަޒީރާގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެެރިއެއް ކަމަށް އެ ނޫހުގައިވެއެވެ.
ޝީރީންގެ އިތުރުން އެހެން ނޫސްވެރިއެއްގެ ގަޔަށް ވެސް ބަޑި ޖަހާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އެއީ ޤުދުސް ނޫހުގެ ނޫސްވެރިއެއް ކަމަށްވާ އަލީ ސަމޫދީ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ޝީރީންގެ މަރާއެކު ފަލަސްތީނާއި ބޭރު ގައުމުތަކުގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ.