ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން ސްކޮޓްލެންޑްގެ ރޭންޖާސް ބަލިކޮށް ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓުން މުބާރާތުގެ ތަށި ހިއްލާލައިފި އެވެ.
މިމުބާރާތުގެ ތަށި ފްރޭންކްފާޓުން ހިއްލާލައިފާ މިވަނީ 42 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެވެ. 1980 ވަނަ އަހަރު އެންމެފަހުން މިމުބާރާތުގެ ތަށި ހޯދި ފަހުން އެޓީމަށް ޔޫރަޕުގައި ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް ރޭގެ މެޗުގައި ރޭންޖާސް ބަލިކޮށް ފްރޭންކްފާޓުން މިވަނީ އެކަން ބަދަލުކޮށްލާފަ އެވެ.
ރޭގެ ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމު އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ ދެހާފު ކުޅުނެވެ. މެޗުގެ 120 މިނިޓްގެ ކުޅުން ނިމުނުއިރު ވެސް ދެ ޓީމު އޮޮތީ 1 - 1 ން އެއްވަރުވެފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓް ފްރޭންކްފާޓުން ކާމިޔާބުކުރީ 5 - 4 ގެ ނަތީޖާއަކުންނެވެ. ފްރޭންކްފާޓުގެ ހުރިހާ ޕެނަލްޓީއެއް އެޓީމުން ކާމިޔާބުކުރިއިރު ރޭންޖާސްގެ ޓީމުން ނާކާމިޔާބުވީ ހަމައެކަނި އާރޮން ރަމްސޭ ފޮނުވާލި ޕެނަލްޓީ އެވެ.
މިމެޗުގައި ފުރަތަމަ ލީޑު ނެގީ ރޭންޖާސްއިންނެވެ. ޖޯ އަރީބޯ ކާމިޔާބުކޮށްދިން މި ލަނޑަކީ ފްރޭންކްފާޓުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރޭންޖާސްއިން ކުޅުނު ނަމަވެސް ގިނަ ހަމަލާތަކެއް މިމެޗުގައި އުފައްދާފައިވަނީ ފްރޭންކްފާޓުންނެވެ.
އެގޮތުން މެޗުގެ 69 ވަނަ މިނެޓްގައި ރަފައެލް ސަންޓޯސް ބޯރޭ ވަނީ ފްރޭންކްފާޓަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ އެޓީމު އަލުން މެޗުގެ ތެރެއަށް ގެނެސްދީފަ އެވެ.