ކުޅުދުއްފުށީ ފެރީ ޓާމިނަލްގައި ގާއިމްކޮށްފައިވާ ރެސްޓޯރެންޓާއި ޓަކްޝޮޕް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތްތަކުން ޝައުގެވެރިކަންފާޅުކޮށްނުވާތީ، ގްރޭސް ޕީރިއަޑް އިތުރުކޮށް ކުލި ކުޑަކުރުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ފެރީ ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް ގާއިމުކުރި ރެސްޓޯރެންޓާއި ޓަކްޝޮޕް ހިންގާނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލީ މިދިޔަ އެޕްރީލްމަހު އެވެ. އެގޮތުން ފެރީ ޓާމިނަލްގައި ގާއިމުކޮށްފައިވާ ރެސްޓޯރެންޓް ތަރައްގީކޮށް ހިންގުމަށް ތިންމަހުގެ ގްރޭސް ޕީރިއަޑަކާއެކު ހުޅުވާލީ 15 އަހަރުގެ މުއްދަތަކަށެވެ.
ރެސްޓޯރެންޓް ހިންގުމަށް ހުށަހެޅޭ އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުޅުވާލީ މަހަކު 35000 ރުފިޔާ އެވެ. ޓަކްޝޮޕަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކަށް 12000 ރުފިޔާއަށް ހުޅުވާލީ ފަސް އަހަރުގެ މުއްދަތަށެވެ.
އެކަމަކު މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތްތަކުން ބިޑް ހުށަހަޅާފައެއް ނުވެ އެވެ.
އެހެންވުމުން ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ރެސްޓޯރެންޓްގެ ގުރޭސް ޕީރިއަޑް ތިންމަހުން 6 މަހަށް އިތުރުކުރުމާއި ބިޑަށް ހުށަހެޅޭ އެންމެ ކުޑަ އަގެއްގެ ގޮތުގައި 30000 ރުފިޔާއަށް ކުޑަކުރުމަށެވެ. އަދި ޓަކްސް ޝޮޕްގެ ބިޑަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ 5000 ރުފިޔާކަމަށް ފާސްކުރި އެވެ.
މި ގޮތަށް ފާސްކުރުމަށް ހުށަހެޅީ ކައުންސިލް މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) އެވެ. މި އެޖެންޑާއަށް ވާހަކަދައްކަވަމުން ރޯޒޭ ވިދާޅުވީ، މި ހިދުމަތަކީ މިހާރުން މިހާރަށްވެސް ދިނުމަށް ލަސްވެފައިވާ ހިދުމަތެއް ކަމަށާއި އެހެންވުމުން އަގު ކުޑަކޮށްފިނަމަ ޝައުގުވެރިވާ ފަރާތްތަކުން ތިބެދާނެ ކަމަށެވެ. މިއީ އެ ދެ ތަނުގެ ހިދުމަތް ފަށައި ގަތުމަށް ފަސޭހަކަށްވާނެ ކަމަށް ރޯޒޭ ވިދާޅުވި އެވެ.
ރޯޒޭގެ މި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޑެޕިއުޓީ މޭޔަރު ރިޔާސަތު ބެލެހެއްޓެވި އިއްޔެގެ ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފް އާއި މެމްބަރު މުހައްމަދު ދާއޫދު ޗުއްޓީގައި ހުރުމުން ބައިވެރިވެޑައިގަންނަވާފައެއްނުވެ އެވެ.