twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަޒީރާ ލީގްގައި ކުޅުދުއްފުށިން ބައިވެރިވާ ޓީމަށް 150،000 ރުފިޔާގެ ބަޖެޓެއް

އަބްދުލް ވާހިދު ޙަސަން
May 26, 2022
4

އެފްއޭއެމްއިން ބާއްވަން ހަމަޖެހިފައިވާ "ޖަޒީރާ ލީގް" ގައި ކުޅުދުއްފުށިން ބައިވެރިވާން ނިންމާފައިވާ ޓީމަށް ހަރަދުކުރުމަށް 150،000 ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ހަތަރު ސަރަހައްދަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާނެ ޓީމެއް ކަނޑައެޅުމަށް ހުރިހާ ޖަމިއްޔާތައް ބައްދަލުކުރުމަށްފަހު ނިންމީ އެންމެ ޓީމެއް ނެރޭ ގޮތަށެވެ. އެގޮތަށް ނިންމީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

ޖަޒީރާ ލީގްގައި ބައިވެރިވާ ޓީމަށް ބަޖެޓް ކަނޑައެޅުމަށް މިދިޔަ ބުދަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގެ އެޖެންޑާ ހުށަހަޅުއްވަމުން އެ ދުވަހު ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ހުރިހާ ޖަމިއްޔާތަކެއް މަޝްވަރާކުރުމަށްފަހުން ނިންމީ މި ލީގްގައި ކުޅުދުއްފުށިން އެންމެ ޓީމެއް ނެރުމަށް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ މުހިންމު ނުގުތާތައް ހިއްސާކޮށްދެއްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ކުޅުދުއްފުށީގެ ހުރިހާ ޖަމިއްޔާތަކެއްގެ މެދުގައި އެއްބަސްވެވުނު ގޮތުގެ މަތިން މިއަހަރު ޖަޒީރާ ލީގްގައި ކުޅުދުއްފުށި ތަމްސީލްކުރުމުގެ ގޮތުން ބައިވެރިވީ ޒިގްޒެގުން ކަމަށެވެ.

"ކުޅުދުއްފުށީގެ ހުރިހާ ޖަމިއްޔާތަކެއްގެ މެދުގައި އެއްބަސްވެވުނު ގޮތެއްގެ މަތިން މިއަހަރު ޖަޒީރާ ލީގްގައި ކުޅުދުއްފުށި ސިޓީ ތަމްސީލްކުރުމަށް މި ޖަމިއްޔާއިން ވަނީ ބައިވެރިވެފަ. އަދި މުބާރާތަށް ޕްރެކްޓިސް ފެށުމަށްވާން ޖެހޭ ތައްޔާރީތައްވުމަށްޓަކާ ހުރިހާ ކުލަބެއް ހިމެނޭހެން ޓީމް މެނޭޖްމެންޓެއް މިހާރު ވަނީ އެކުލަވާލެވިފަ." ޒިގްޒެގްގެ ސިޓީއާ ހަވާލާދީ ޑެޕިއުޓީ ވިދާޅުވި އެވެ.

މި މުބާރާތް ހޯސްޓްކުރުމަށް ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން މަސައްކަތްކުރަމުންދާކަމަށާއި ހޯސްޓްކުރުމުގެ ފުރުސަތު ލިބިއްޖެނަމަ ޓީމަށް ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެކަންވެސް ސިޓީ ފާހަގަކޮށްފައިވެ އެވެ.

މި އެޖެންޑާއަށް ބަހުސްކުރައްވަމުން ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، މިފަދަ މުބާރާތްތަކުގެ ސަބަބުން ކުޅުދުއްފުއްޓަށް ވަރަށް ރަނގަޅު ބަދަލުތަކެއްވެސް އަންނަ ކަމަށެވެ. އެގޮތުން މިފަދަ މުބާރާތްތަކުގެ ސަބަބުން ރަށުގެ އިގްތިސޯދު ރަނގަޅުވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖަޒީރާ ލީގްގައި ކުޅުދުއްފުށިން ބައިވެރިވާ ޓީމަށް 150،000 ރުފިޔާގެ ބަޖެޓް ފާސްކުރުމަށް ހުށަހެޅުއްވީ ރިލޭ އެވެ. އޭނާގެ މި ހުށަހެޅުމަށް ކައުންސިލް މެމްބަރު އާތިފާ އަލީ ތާއިދުކުރައްވާ ވާހަކަދެއްކެވި އެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ދުވަހު އަހަރީ ޗުއްޓީގައި ހުންނެވުމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވީ މޭޔަރު މުހައްމަދު އާތިފް އާއި މެމްބަރު މުހައްމަދު ދާއޫދެވެ.

"ޖަޒީރާ ލީގުގައި މިހާރު މިރަށުން ކުޅުމަށް ކަނޑައެޅިފައިމިއޮތީ ޓީމް ކުޅުދުއްފުށި ނަމުގައި ނޫން ކަމަށްވިޔަސް ހުރިހާ ޖަމިއްޔާތަކެއް މަޝްވަރާކުރެވިގެން މުޅި ރަށުގެ ހުރިހާ ޒުވާނުން ނުވަތަ ފުޓްބޯޅަ ކުޅޭ ހުރިހާ ބޭފުޅުން ޝާމިލްވާނެ ގޮތެއްގެ މައްޗަށް ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ނަމުގައި ބައިވެރިވާ ބައިވެރިވުމެއްކަން." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355