twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަތޮޅު ކައުންސިލަރުންނަކީވެސް އިއްޒަތާއި ޝަރަފްވެރި ބައެއް، ހައިސިއްޔަތާ ގުޅޭ ގޮތަށް ދަތުރުފަތުރު ހަމަޖެހެން ޖެހޭނެ: ޔޫސުފް

އަބްދުލް ވާހިދު ޙަސަން
May 28, 2022
3

އަތޮޅު ކައުންސިލްގެ މެމްބަރުންނަކީ އެ ބޭފުޅުންގެ ލެވެލްގައި އިއްޒަތާއި ޝަރަފްވެރި ބައެއް ކަމަށާއި އެހެންވުމުން އެ ބޭފުޅުންގެ ހައިސިއްޔަތާ ގުޅޭ ގޮތަށް ދަތުރުފަތުރާ އެހެނިހެން އިންތިޒާމު ހަމަޖެހިގެންދާން ޖެހޭނެކަމަށް ހދ އަތޮޅު ކައުންސިލްގެ މެމްބަރު، ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވެއްޖެ އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ހދ އަތޮޅު ކައުންސިލްގެ މެމްބަރުން އާންމު ބައްދަލުވުންތަކަށް ކުޅުދުއްފުއްޓަށް އައުމަށް، އާރުޓީއެލް ފެރީ ބޭނުންކުރުމާ މެދު ރިޔާސަތު ހުށަހެޅި އެޖެންޑާއަށް ބަހުސް ކުރަވަމުން ޔޫސުފް ވިދާޅުވީ، ބައްދަލުވުންތަކަށް އައުމަށް އާރުޓީއެލްގެ ފެރީގައި އަތޮޅު ކައުންސިލް މެމްބަރުން ދަތުރުކުރުމަށް ތާއިދުނުކުރައްވާ ކަމަށެވެ.

ބުރާސްފަތިދުވަހު ހދ އަތޮޅު ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި ބަހުސްކުރައްވަމުން ޔޫސުފް ވިދާޅުވީ، މިމައްސަލަ އެޖެންޑާއަށް ހުށަހެޅުމަކީ ގަބޫލުކުރާ ގޮތެއް ނޫން ކަމަށާއި އެކަމަކު ހަރަދު ކުޑަކުރުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ކަމެއް ނުކުރުމަކީ ކުރަން ޖެހޭކަމެއް ކޮންމެހެނަކުނުކޮށް ހުއްޓާލުމެއްވެސް ނޫން ކަމަށާއި ހަރަދު ކުޑަކުރުމުގެ ގޮތުން އަތޮޅު ކައުންސިލް މެމްބަރުންނަށް އެކި ކަހަލަ އުނދަގޫވާ ގޮތަށް ޝެޑިއުލްތަކާ އެއްޗެހި ހެދުމަކީ އެހާ ފަސޭހައިން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނޮޅިވަރަމް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވިއްޔާ އަޅުގަނޑުމެން އަތޮޅު ކައުންސިލްގެ މެމްބަރުންނަކީ އަޅުގަނޑުމެންގެ ލެވެލްގައި އިއްޒަތާ ޝަރަފްވެރި ބައެއް. އަޅުގަނޑުމެންގެ ހައިސިއްޔަތާ ގުޅޭ ގޮތަށް އަޅުގަނޑުމެންނަށް ދަތުރުފަތުރާ މި ކަންކަމުގެ އިންތިޒާމު ހަމަޖެހިގެންދާން ޖެހޭނެ. އެހެންވީމަ އެއްގޮތަށްވެސް އާރުޓީއެލް ފެރީގައި ދަތުރުކުރާކަށް އަޅުގަނޑު ތާއިދެއް ނުކުރަން." ޔޫސުފް މޫސާ ވިދާޅުވި އެވެ.

މައި ސަރުކާރުގެ ކަންކަމަށް ބަލާއިރުގައި ހަރަދުކުޑަކުރުމުގެ ވިސްނުން ގެންގުޅޭ ތަން މާބޮޑަކަށް ނުފެންނަކަމަށާއި އަތޮޅު ކައުންސިލްގައި ލޯންޗާއި ފަޅުވެރިން ހުރެ ދަތުރުކުރެވޭނެ އިންތިޒާމު ހުރި ކަމަށެވެ. ޔޫސުފް ވިދާޅުވީ އެހެން ހުރި ވަގުތެއްގައި މި މައްސަލަ މިގޮތަށް އަތޮޅު ކައުންސިލް މެމްބަރު ފެރީގައި ދަތުރުކުރާކަށް ނުފެންނަކަމަށް ވިދާޅުވި އެވެ.

ހދ އަތޮޅު ކައުންސިލް މެމްބަރުން އާންމު ބައްދަލުވުމަށް ކުޅުދުއްފުއްޓަށް އައުމަށް މިހާރު ބޭނުންކުރަނީ އެ ކައުންސިލްގެ ލޯންޗުތަކެވެ.

"ކޮންމެ ގޮތެއްވިޔަސް އަތޮޅު ކައުންސިލުން މެމްބަރުން މި ލޯންޗުތަކުގައި [އާރުޓީއެލް]ގައި ދަތުރުކުރަން ފަށައިފިއްޔާ ހަމަ ޔަގީނުންވެސް އެއް ސީޓް ގެއްލޭނެ ކޮންމެ ރަށަކުންވެސް. އެއީ އާންމު ރައްޔިތުންގެ ފަރާތުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ފަރާތުން އެޅޭ ހުރަހެއް. މިކަން މިހެންވާކަށްވެސް އަޅުގަނޑު ނޭދެން." ނޮޅިވަރަމް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355