ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 1 - 0 ގެ ހަނި ތަފާތަކުން އިނގިރޭސި ގަދަބާރު ލިވަޕޫލް ބަލިކޮށް ޔޫރަޕުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ރެއާލުން މިވަނީ އެޓީމު އެންމެފަހުން ކުޅުނު ދެ ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ލިވަޕޫލް ބަލިކޮށް ތަށި ހިއްލާލާފަ އެވެ. އެއީ މިއަހަރުގެ އިތުރުން 2018 ގަ އެވެ. އެފަހަރު ރެއާލުން ލިވަޕޫލް ބަލިކުރީ 3 - 1 ންނެވެ.
މިހާތަނަށް ރެއާލުން ވަނީ 17 ފަހަރެއްގެ މަތިން މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މިފަހަރުގެ މޮޅާއެކު އެޓީމަށް މިވަނީ އެޓީމު ކުޅުނު 17 ފައިނަލުގެ ތެރެއިން 14 ފައިނަލް ކާމިޔާބުކޮށްފަ އެވެ. ރެއާލް ބަލިވެފައިވަނީ އެންމެ ފައިނަލަކުންނެވެ.
ރޭގެ މޮޅާއެކު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ ފުޓްބޯޅައިގައި ޝަރަފުވެރި ރެކޯޑެއް ހަދާފަ އެވެ. މި ޗެމްޕިއަންސް ލީގު ތަށްޓާއެކު އަންޗެލޮޓީ ވެގެން ގޮސްފައިމިވަނީ މިމުބާރާތުގެ ތަށި ހަތަރު ފަހަރު ހޯދި ހަމައެކަނި ކޯޗަށެވެ. އޭނާ ވަނީ 2003، 2007 ގައި އޭސީ މިލާނަށް އަދި 2014 ވަނަ އަހަރާއި މިއަހަރު ރެއާލަށް މިމުބާރާތުގެ ތަށި ހޯދައިދީފަ އެވެ.
މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފެއްދީ ލިވަޕޫލުންނެވެ. ލިވަޕޫލުގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން މިމެޗުގައި ޖުމްލަ 24 ހަމަލާ އުފެއްދިއިރު ގޯލާ އަމާޒުވީ 9 ހަމަލާ އެވެ. އެހެންނަމަވެސް ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ލިވަޕޫލްގެ ހަމަލާތައް ހުއްޓުވާފަ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރެއާލުން ވަނީ ގޯލެއް ޖަހައިފަ އެވެ. ކަރީމް ބެންޒެމާ ޖެހި މި ގޯލު ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މިރޭގެ މެޗުގެ ހަމައެކަނި ގޯލު ދެވަނަ ހާފު ފަށައިގެން 15 ވަރަކަށް މިނެޓު ތެރޭ ރެއާލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ވިނީޝަސް ޖޫނިއާ އެވެ. މިލަނޑަކީ ވަލްވާޑޭ ނަގައިދިން ހުރަހަކުން ވިނީޝަސް ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގައި ލިވަޕޫލުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި އެވެ. މާނޭއާއި ސަލާހުގެ ބާރު ހަމަލާތައް ރެއާލުގެ ޑިފެންސުން ބްލޮކްކުރިއިރު މެޗުގައި އެންމެ މޮޅު ކުޅުމެއް ފެނުނީ ރެއާލްގެ ކީޕަރު ކޯޓުއާ ފަރާތުންނެވެ. އޭނާ ވަނީ މެޗުގައި މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
މި ސީޒަނުގައި ރެއާލުން ވަނީ މިމުބާރާތުގެ ތަށީގެ އިތުރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ލިވަޕޫލުން މި ފަހަރުގެ ސީޒަނުގެ ހަތަރު މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި އެވެ. އެހެންނަމަވެސް ލިބުނީ ލީގު ކަޕާއި އެފްއޭ ކަޕެވެ. އިނގިރޭސި ޕްރިިމިއާ ލީގުގައި އެންމެ ޕޮއިންޓެއްގެ ތަފާތުން ސިޓީ އަތުން ވަނީ ބަލިވެފަ އެވެ.