ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސަހާބީންގެ ޙަޔާތްޕުޅުން އަޅުގަނޑުމެންގެ ޙަޔާތަށް ބޭނުންތެރި މުހިންމު ގިނަ ދަރުސްތަކެއް ވެއެވެ. އެބޭފުޅުން ދިރިއުޅުއްވުމުގެ ވައްޓަފާޅިއާއި ދީނީ، އިޖްތިމާޢީ އަދި ވަޠަނީ ކަންކަމުގައި ޢަމަލުކުރައްވަމުން ގެންދެވި ހަރުދަނާ އުސޫލުތަކަކީ މިއަދުގެ ޖީލަށް ހުރި ނަމޫނާ އެކެވެ.
މިގޮތުން ޢިލްމު އުނގެނެއްވުމަށް އެބޭފުޅުން ކުރެއްވި މަސައްކަތްޕުޅުންވެސް އަޅުގަނޑުމެންނަށް ފައިދާހުރި ފިލާވަޅުތައް ލިބެއެވެ. މިގޮތުން ތިރީގައި އެވަނީ އެބޭފުޅުންގެ މި މަސައްކަތުން އަޅުގަނޑުމެންނަށް ލިބިދޭ މުހިއްމު 5 ފިލާވަޅެވެ.
ސަޙާބީންނަކީ މިއުންމަތުގެ އެންމެ މާތް ބޭކަލުންނެވެ. އެބޭކަލުންނަކީ ކޮންމެ ކަމެއްގައިވެސް މިއުންމަތުގައި އެންމެ އިޚްލާސްތެރި ބޭކަލުންނެވެ. ދީނުގެ ތަޢްލީމު އުނގެނެއްވުމުގައި އެބޭކަލުން އެއްވެސް ކަހަލަ ފިތުނައެއް، ނުބައި ވިސްނުމެއް ނުގެންގުޅުއްވައެވެ. އެބޭފުޅުންގެ ހިތްތަކުގައިވަނީ ތެދުވެރިކަމާ އަމާނާތްތެރި ކަމެވެ.
މާތްﷲ އަށް އަޅުކަން ކުރެއްވުމުގައި އެބޭކަލުންގެ ޢަމަލުތައް ބެހެއްޓެވީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށް ދެއްވި ގޮތަށެވެ. ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެބޭކަލުން ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމައާ ދީނީ ކަންކަމުގައި ސުވާލު ކުރައްވާ އުޅުއްވީ އެކަންކަން އޮޅުން ފިލުވައި އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރެއްވުމުގެ މަތިވެރި މަގުސަދުގައެވެ. އެއްގޮތަކަށްވެސް އެކަލޭގެފާނުގެ ވާހަކަތަކުން ކުށް ހޯދައި ފިތުނަ އުފެއްދުމަކަށް ނޫނެވެ. އެބޭކަލުން ޢިލްމު އުނގެނުމުގައި އުޅުއްވީ މިދުވަސްވަރުގެ ބައެއް މީހުން އުޅޭގޮތަށް ނަމުގެ ކުރިއަށް ވަކި ޚާއްސަ ޝަރަފެއް ގެނައުމުގެ ބޭނުމުގައެއް ނޫނެވެ. ހަމައެކަނި މާތްﷲ ގެމަގުގައި ސާބިތުވެ އެކަލާންގެއާ ކުއްތަންވުމަށެވެ.
އެހެންކަމުން އަޅުގަނޑުމެންވެސް ދުނިޔެވީ ހަޔާތުގައި މިލިބޭ ޢިލްމު އުނގެނުމުގައި އިޚްލާސްތެރިވާންޖެހެއެވެ. ޢިލްމަކީ މާތްﷲ ދެއްވާ މަތިވެރި ނިޢްމަތެކެވެ. އެ ޢިލްމަށް ކަމޭ ހިތައި އޭގެ ބޭނުން ހެޔޮގޮތުގައި ހަޔާތުގައި ހިފަންޖެހެއެވެ.
އާންމު ދިރިއުޅުމާ އަދިވެސް ދުނިޔެވީ އެހެނިހެން ކަންކަމުން ސަލާމަތްވެ އުނގެނުމަށް ވަގުތު ދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ އެންމެ ބޮޑު ބަހަނާއެވެ.
ސަހާބީންގެ ޙަޔާތްޕުޅުން ދެން ލިބޭ ފިލާވަޅަކީ ޢިލްމު އުނގެނުމަށް އެބޭފުޅުންގެ ދިރިއުޅުއްވުމުން ވަގުތު ހުސްކުރާގޮތެވެ. މިއަދާ އަޅާ ބަލާއިރު އެބޭފުޅުންގެ ޒަމާނަކީ ދިރިއުޅުމުގެ ކަންކަމުގައި މިއަށްވުރެ ބުރަ އުނދަގޫ ޒަމާނެކެވެ. ޓެކްނޮލޮޖީއާ އެހެނިހެން ދާއިރާތަކުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ކިތަންމެހާވެސް ލުއި ލިބެއެވެ. އެހެނަސް ސަހާބީންގެ ޒަމާނުގައި މިފަދަ އެއްވެސް ކަމެއް ނެތެވެ. ކަންމިހެން ހުއްޓަސް އެބޭފުޅުން ޢިލްމު އުނގެނުމަށް ވަގުތު ހޯއްދަވައެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަޑުއަހައި ޢިލްމު އުނގެނުމަށް، ވިޔަފާރި ކުރައްވާ ބައެއް ސަހާބީ ބޭކަލުން، އެބޭކަލުންގެ ވިޔަފާރިތައް ހަވީރުގެ ވަގުތަށް މިސްކިތާ ކައިރީގައި ވިޔަފާރި ކުރެއްވުމަށް މަޑުކުރައްވާ ކަމަށްވެއެވެ. ގޭގައި ދަރިން ބައްލަވަން ތިއްބަވާ އަންހެން ސަހާބީ ބޭކަނބަލުން، އެގޭގެއަށް ވަޑައިގެން ދީން އުނގަންނަވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށްވެއެވެ.
ނިކަން ބައްލަވާށެވެ. ވިޔަފާރި ކުރައްވަމުން، ދަނޑުބިމާ ގެރިބަކަރި ބަލަހައްޓަމުން، ދަރިންނާ މުސްކުޅި މައިންބަފައިންގެ ކަންތައްތައް ބަރާބަރަށް އަދާކުރައްވަމުންވެސް، އެބޭކަލުން އައީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘްފުޅުތައްވެސް މިއަދާ ހަމައަށް އައިސްފައިވަނީ އެބޭކަލުންގެ ފަރާތުންނެވެ.
ވުމާއެކު އުނގެނުމަށް ވަގުތު ނުލިބެއޭ ކިޔައި އަޅުގަނޑުމެންނަށް ދެއްކޭނެ ބަހަނާއެއް އެބަ އޮތްތޯއެވެ. އެކަމަށް ގަދައަޅައި މަސައްކަތް ކުރުމުން އެކަމެއް ހާސިލްވާނެކަން ކަށަވަރެވެ. 24 ގަޑިއިރުން އެންމެ ގަޑިއެއް ކިއެއްތޯއެވެ.
އަޅުގަނޑުމެންނަށް ސަހާބީންގެ ޙަޔާތްޕުޅުން ފެންނަންހުރި ހަގީގަތަކީ ޢިލްމު އުނގެނުމަށް އެބޭފުޅުންވީ ޤުރުބާނީތަކެވެ. އެންމެ ފުރަތަމަ ދީން ޤަބޫލްކޮށް އެގޮތުގައި ދީން އުނގެނެމުން އައި ސަހާބީންނަށް މައްކާގެ މުޝްރިކުންގެ ފަރާތުން އިންތިހާ އުނދަގޫ ކުރިމަތިވިއެވެ. އަނިޔާތަކަށް ކެތްކުރަމުން، އެބޭފުޅުން ދިޔައީ ދީނީ ޢިލްމު އުނގެނެމުންނެވެ. ބައެއް ބޭކަލުން އާއިލާއާ ރައްޓެހިންނާ ވަކިވާންޖެހުނެވެ. ރަށުގެ މީހުންގެ މެދުގައި އޮތް ޝަރަފާ އިއްޒަތް ގެއްލުނެވެ. ނަމަވެސް މިހުރިހާ ކަމެއް ޤުރުބާން ކޮށްގެންވެސް އެބޭފުޅުން ރަސޫލާގެ ފަހަތްޕުޅުގައި ދީން އުނގެނުމަށް ކުރަމުން އައި މަސައްކަތެއް ދޫކޮށެއް ނުލައްވައެވެ.
އަޅުގަނޑުމެން މީގެން ޢިބްރަތް ހާސިލްކޮށް، ބޭކާރު ކަންކަމާ ދުރުވެ އުނގެނުމަށް ވަގުތު ހޯދުން ކިއެއްތޯއެވެ.
އަޅުގަނޑުމެންނާ ހަމައަށް ވާރިދުވެގެން އައިސްފައިވާ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގިނަ ހަދީސްފުޅުތަކަކީ، ސަހާބީން އެކަންކަމާ ގުޅިގެން ސުވާލު ކުރެއްވުމުން ޖަވާބުގައި އެކަލޭގެފާނު ވިދާޅުވެފައިވާ ހަދީސްފުޅުތަކެވެ. ކަންކަމާމެދު އުފެދޭ ސުވާލުތައް ނުކޮށް ނުތިއްބަވައެވެ. އެއީ ކިތަންމެ ކުޑަ ކަމެއްވިޔަސްމެއެވެ. ކީރިތި ރަސޫލާ އައު ކަމެއް ކުރައްވާތަން ފެނިވަޑައިގެންފިނަމަ، އެކަމާ ގުޅޭގޮތުންވެސް ސުވާލު ކުރައްވައި އޮޅުންފިލުވައެވެ.
އަޅުގަނޑުމެންނާ އެކީގައި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިއަދު ނެތެވެ. ނަމަވެސް ދީނީ ޢިލްމު އުނގެނިގެން ތިއްބެވި ޢިލްމުވެރިން އެބަތިއްބެވިއެވެ. އެބޭފުޅުންނަކީ ދީން ހެޔޮގޮތުގައި ފޯރުކޮށްދިނުމަށް ދީނީ ރަނގަޅު ޢިލްމު އަޅުގަނޑުމެންނަށް އުނގަންނައި ދިނުމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅުންނެވެ. އަދި އިންޓަރނެޓާ ދީނީ ފޮތްފޮތުންވެސް އަޅުގަނޑުމެންނަށް މިއަދު ފަސޭހަކަމާއެކު އުނގެނުމުގެ ފުރުސަތު އޮތީ ތަނަވަސްވެފައެވެ. އެކަންކަމާ ގުޅޭ ސުވާލުތައް ކުރުމުން ޖަވާބު ލިބޭނެ ފަސޭހަ ގޮތްތައްވެސް އެބައޮތެވެ.
ކޮންމެ ދުވަހަކުވެސް ލިބޭ ރަނގަޅު ޢިލްމެއްގެ ބޭނުން ޙަޔާތުގައި ހިފުމަކީ ސަހާބީ ބޭކަލުން ގެންގުޅުއްވި ވަރަށް ރަނގަޅު އާދައެކެވެ. ރަސޫލާ ކަމަކާ މެދު ދެއްވާ ކޮންމެ އިރުޝާދެއްގައި ހިފައި އެގޮތަކަށް ދިރިއުޅުމުގެ ކަންކަން ބަދަލު ކުރައްވައެވެ. ކަންކަމުގައި އޮންނަ ރަނގަޅު ގޮތް އެނގުމަކުން މާކުހެއް ނުލިބެއެވެ. އެކަމަކަށް ޢަމަލުކުރުމުން މެނުވީއެވެ. ޢިލްމު އުނގެނުމަށް ބޭނުންވާ ކޮންމެ މީހަކީވެސް، އެލިބޭ ރަނގަޅު ޢިލްމުގެ ބޭނުން ޙަޔާތުގައި ބޭނުންކުރަން ދަންނަ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އެހެން ނޫނީ އެ ޢިލްމެއްގެ ހުރި ފޮނި މީރުކަމެއް އިހްސާސެއް ނުކުރެވޭނެއެވެ.