twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަފީފުއްދީން ސްކޫލްގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އަރީޝާ އަދި އީޖާދު

އަބްދުލް ވާހިދު ޙަސަން
Jun 12, 2022

ފާއިތުވެދިޔަ ދިރާސީ ދެ އަހަރު، އަފީފުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރުންގެ މަގާމަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ އަފީފުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަ، ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބުރާހިމެވެ.

އެގޮތުން 2019 ވަނަ އަހަރުގެ އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނީ، ކުޅުދުއްފުށީ/ މަންފާ، އާމިނަތު އަރީޝާ އަބުދުއްރަޝީދެވެ. މި ދަރިވަރު ވަނީ ސާނަވީ ނިންމާ އިމްތިހާނުތަކުން ރާއްޖޭގެ އެންމެ ރަނގަޅު 10 ވަނައިގައި ހިމެނިފަ އެވެ.

އެގޮތުން އާމިނަތު އަރީޝާ އަބުދުއް ރަޝީދު ވަނީ މުޅި ރާއްޖޭން ގަދަ ފަސްވަނައިގައި ހިމެނިފަ އެވެ. އަރީޝާގެ އިތުރުން 2019 ވަނަ އަހަރު އެ ސްކޫލްގެ އިތުރު ދެ ދަރިވަރަކުވެސް ގައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއީ ކުޅުދުއްފުށީ/ ދިރާސާ، އާމިނަތު މިޒްނާ އިބުރާހިމާއި ކުޅުދުއްފުށި/ ބިޗާނާ، މާރިޔަތު މުހައްމަދެވެ.

މިޒްނާ އިބުރާހިމް ގައުމީ ގަދަ ދިހައެއްގެ 7 ވަނައިގައި ހިމެނުނުއިރު މަރިޔަތު މުހައްމަދު ހިމެނިފައިވަނީ 8 ވަނައިގައި އެވެ. މި ހާއްސަ މަގާމުތައް ލިބުނު ދަރިވަރުންނަށް ޕީޓީއޭގެ ފަރާތުން 3000 ރުފިޔާގެ ޗެކެއްވެސް ހަދިޔާކުރި އެވެ.

2020-2021 ވަނަ އަހަރު އަފީފުއްދީން ސްކޫލުން ހުރިހާގޮތަކުން މޮޅު ދަރިވަރުގެ މަގާމު ހޯދީ، ކުޅުދުއްފުށީ/ ދިނަށަ، އީޖާދު މުހައްމަދެވެ. އެ ދަރިވަރު ވަނީ މުޅި ރާއްޖޭން ގައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހާސިލުކޮށްފަ އެވެ.

އީޖާދު މުހައްމަދުގެ އިތުރުން 2020-2021 ވަނަ އަހަރުގެ ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ އިތުރު 9 ދަރިވަރަކު ހިމެނިފައިވެ އެވެ.

އެއީ:

ނޮޅިވަރަމް/ ހިޔަލީމަންޒިލް، ސަޖާހް އަބުދުﷲ - ގައުމީ ގަދަ ދިހައެއްގެ ތިންވަނަ.
ކުޅުދުއްފުށި/ ލައިފް، އަހްނަފް ފަރުހާދު - ގައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ.
ކުޅުދުއްފުށި/ ހެލެބެލިމާގެ، އައިޝަތު އިބާ އަލީ - ގައުމީ ގަދަ ދިހައެއްގެ ފަސް ވަނަ.
ކުޅުދުއްފުށި/ ޓްވިންސް، އައިމިނަތު ޝައިބާ އަބުދުއްރަޝީދު - ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ.
ކުޅުދުއްފުށި/ ރެޑްފްލާވަރ، އަޔާޒް އާދަމް - ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ.
ނޮޅިވަރަމް/ ޝަބާބު، އަމަތުﷲ އަލީ - ގައުމީ ގަދަ ދިހައެއްގެ ހަތް ވަނަ.
ކުޅުދުއްފުށި/ ރިދަމް، އާމިނަތު މައިހާ މުހައްމަދު - ގައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ.
ކުޅުދުއްފުށި/ ގަރާޑީގެ، އާމިނަތު މައިޝާ މުހައްމަދު - ގައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ.
ކުޅުދުއްފުށި/ ވިލުވެލި، ރިފާޝާ އާދަމް ވަހީދު - ގައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ.


ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ހޮވުމުގައި ދަރިވަރަށް ލިބޭ 100 ޕޮއިންޓް ބަހާލެވިފައިވަނީ ކިޔެވުމަށް 50 އިންސައްތަ އާއި ދަރިވަރުގެ އުޅުމާއި އަހްލާގަށް 10 އިންސައްތަ، ކަންކަމުގައި އިސްނެގުމާއި ޒިންމާދާރުވުމަށް 15 އިންސައްތަ އާއި ކުޅިވަރާއި އިތުރު ހަރަކާތްތަކަށް 15 އިންސައްތަ އަދި ހާޒިރީއަށް ދިހަ އިންސައްތަ އެވެ.

މީގެ ތެރެއިން ކިޔެވުމަށް ލިބޭ 50 އިންސައްތަ ގްރޭޑް 10 ގެ ދެ ޓާމުގައި ދަރިވަރު ހޯދައި ނަތީޖާއަށާއި ސާނަވީ ނިންމާ އިމްތިހާނުތަކުން ހޯދާ ނަތީޖާއަށްވެސް ބެލިގެންދާކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ހުށަހަޅުއްވާ ހަނދާނީ ފިލާ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅުއްވާ ޓްރޮފީ އަދި ސްކޫލްގެ ޕީޓީއޭގެ އިން ހުށަހެޅި 3000 ރުފިޔާގެ ޗެކް ދަރިވަރުންނާ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނެވެ.

މިރަސްމިއްޔާތުގައި ހާއްސަ މަގާމުތައް ލިބުނު ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އާއި ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރ ޑރ މުހައްމަދު އުމަރެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުން އަދި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355