twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ގައުމީ ތަރައްގީގައި ސަރުކާރު ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Jun 20, 2022

ރާއްޖޭގެ ގައުމީ ތަރައްގީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބް ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަ ކަމަށާއި އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތްކުރާ ކަމަށެވެ.

24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމަށާއި މިބޮޑު ޒިންމާ ސްޓެލްކޯއިން އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް ކުންފުނީގައި އޮވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އެފަދަ ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތާއި ހިދުމަތުގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެއްކަމަށާއި އެކަން ސްޓެލްކޯއިން ފެނިގެންދާކަން އެމަނިކުފާނު ވިދާޅުވި އެވެ.

ސްޓެލްކޯއަކީ އިޖުތިމާއީ ގިނަކަންކަން ވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި އެކަމަށް ފައިސަލް ޝުކުރު އަދާކުރެއްވެވި އެވެ. ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން ސްޓެލްކޯގައި މަސައްކަތްކުރާ ކަމަށާއި އެ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.

ރޭގެ ޖަލްސާގައި، ސްޓެލްކޯގެ 25 އަހަރުގެ ތާރީހިގައި އެ ކުންފުންޏަށް ހިދުމަތްކޮށް ދެއްވާފައިވާ މެނޭޖިން ޑިރެކްޓަރުންނަށް ދޭ އެވޯޑާއި، ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓް ހެޑް/ ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ދިނުން އޮތެވެ.

މާލޭގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސްޓެލްކޯ އުފައްދަވާފައި ވަނީ 1997 ވަނަ އަހަރުގައެވެ. މާލެއަށް ކަރަންްގެ ހިދުމަތް ފުރަތަމަ ދޭން ފެށީ 1949 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355