އަތޮޅު ތެރޭގައިވެސް އިސްރަށްވެހިންގެ މަރުކަޒުތައް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭގައި ގާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށާއި އަތޮޅު ތެރޭގައިވެސް އެފަދަ މަރުކަޒުތައް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މީގެ އިތިރުން ވަރަށް އަވަހަށް ހުޅުމާލޭގައިވެސް އެފަދަ މަރުކަޒެއް ގާއިމްކުރެވިގެން ދާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސްރަށްވެހިންނަށް ނޫންކަމަށާއި، އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި، ގައުމަށް އަދި ދިވެހިދައުލަތަށް އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ގައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާއެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.
މިޖަލްސާގައި، މަޑުލު މުޙައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށްވެހިންނަށް ލޯތްބާއި އެކު" ފޮތް، ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މީގެ އިތުރުން މިޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު، އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ބަދުރުއްނަސީރު ލިޔުއްވާފައިވާ ފޮތް، "ހިދުމަތުގެ ހަނދާންތައް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް ވެދުމަށް އަރުވާފައެވެ. މިފޮތަކީ، (ނ.ދ.ޝ.ޢ) ބަދުރުއްނަސީރު، އެބޭފުޅާގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.