ގައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަސީލަތް މަދު ގައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިކަމުގައި ވަނީ ނަމަ ކާމިޔާބު ލިބޭނެކަމަށާއި، ގައުމުގެ ތަރައްގީއާއި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކުރުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ހިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ހާމަކުރައްވާފައެވެ. މިގޮތުން މާލެ ސަރަހައްދާއި، މާލެ ކައިރީ ސަރަހައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.
ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާކަމަށާއި، މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ނައިބު ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. އަދި، މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރައްވާފައެވެ.