twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިއްދޫއިން ފަސޭހަކަމާއެކު އިހަވަންދޫ ބަލިކުރިއިރު ނެއްލައިދޫ އަތުން ހަނިމާދޫއަށް މޮޅެއް

މުޙައްމަދު އަހުމަދު
Jun 26, 2022

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތް ލީގުގެ ހަވަނަ މެޗުގައި ހަނި ތަފާތަކުން ހަނިމާދޫއިން ނެއްލައިދޫ ބަލިކުރިއިރު ދިއްދޫއިން ފަސޭހަކަމާއެކު އިހަވަންދޫ ބަލިކޮށްފި އެވެ.

މިއަދު ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބާ އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރ ބައްދަލުކުރި މެޗު 4 - 1 ން ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ. މުބާރާތުގައި މީގެކުރިން މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި ދިއްދޫ ޓީމުން މިވަނީ އިހަވަންދޫ ބަލިކޮށްފަ އެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު އިހަވަންދޫއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ޖެހީ އިހަވަންދޫގެ ޖޯޒީ ނަމްބަރު 14 މުހައްމަދު ފާރިޝް އިބްރާހިމް އެވެ. އޭގެ މިނެޓެއް ފަހުން ދިއްދޫއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިލަނޑު ޖެހީ ދިއްދޫގެ ޖަޑާ އެވެ.

މެޗުގައި ދިއްދޫގެ ދެވަނަ ލަނޑު މުހައްމަދު ނައުޝާދު ޖަހައިދިންއިރު އަނެއް ދެލަނޑު ޖެހީ ތައުމީން ނޫހު އެވެ. މެޗުގައި ދިއްދޫއިން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން އަންނަނީ މުބާރާތުގައި މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުންނެވެ.

މިއަދުގެ އަނެއް މެޗުގައި ހަނިމާދޫއިން ވަނީ 2 - 1 ން ނެއްލައިދޫ ބަލިކޮށްފަ އެވެ. މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލީޑު ނެގީ ނެއްލައިދޫއިންނެވެ. އިބްރާހިމް ނާއިޒްގެ ލަނޑުން ނެއްލައިދޫއިން ލީޑު ނެގިނަމަވެސް އެޓީމަށް ލީޑު ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކު އެވެ. މޫސާ ކައުޔަޝް ކައިލްގެ ލަނޑުން ހަނިމާދޫއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ހަނިމާދޫއިން މޮޅުވި ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު އަލީ އެވެ. މުބާރާތުގައި ހަނިމާދޫއިން ދެން ބައްދަލުކުރާނީ އަންގާރަ ދުވަހު ދިއްދޫއާ އެވެ. މިމެޗު ކުޅެވޭނީ ދިއްދޫ ފުޓްބޯޅަ ދަނޑުގަ އެވެ. މިއީ ރަށުން ބޭރުގައި ހަނިމާދޫ ކުޅޭނެ ހަމައެކަނި މެޗެވެ. އެދުވަހު ކުޅެވޭ އަނެއް މެޗުގައި ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށިން ނުކުންނާނީ ނެއްލައިދޫއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355