twitterviber whatsapp telegramfacebookyoutube instagram
8th September 2024

ނޯތު ލީގުގެ ގްރޫޕް ސީގެ ފުރަތަމަ މެޗުތަކުން ހޮޅުދޫއާއި ކެނދިކުޅުދޫ މޮޅުވެއްޖެ

މުޙައްމަދު އަހުމަދު
Aug 11, 2022

އެމްޓީސީސީ ނޯތު ލީގުގެ ގްރޫޕް ސީގެ ނޫނު އަތޮޅުގެ މެޗުތައް މިއަދު ފެށިއިރު ފުރަތަމަ މެޗުތަކުން ނ. ހޮޅުދޫއާއި ނ. ކެނދިކުޅުދޫ މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކެނދިކުޅުދޫއާއި ސޮސައިޓީ ފޯ މާޅެންދޫ ޔޫތް ޑެވަލޮޕްމަންޓް (ނ. މާޅެންދޫ) ބައްދަލުކުރި މެޗު ކެނދިކުޅުދޫ ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 4 - 3 ގެ ހަނި ތަފާތަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ކެނދިކުޅުދޫއިންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އައްޒާމް އަބްދުﷲ އެވެ.

ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި އަލީ ޝަމާލް ޖަހައިދިންއިރު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލަނޑު ޖަހައިދީ ކެނދިކުޅުދޫއަށް 3 ލަނޑުގެ ލީޑެއް ނަގައިދިނީ ޖުމައިލް އީސާ އެވެ. ދެވަނަ ހާފު ފަށައިގެން ކުޅުން ރަނގަޅުކޮށް 62 ވަނަ މިނެޓުގައި އަފީފް އީސާގެ ލަނޑުން މާޅެންދޫއިން ފުރަތަމަ ގޯލު ކާމިޔާބުކުރި އެވެ.

މާޅެންދޫގެ ދެވަނަ ލަނޑު ޖަހާ ފަރަގު ކުޑަކޮށްދިނީ 85 ވަނަ މިނެޓުގައި މޫސާ މުހައްމަދެވެ. އެހެންނަމަވެސް އޭގެ އެއް މިނެޓުފަހުން އަނެއްކާވެސް ލަނޑެއް ޖަހާ ކެނދިކުޅުދޫއިން ލީޑު ފުޅާކުރި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަފްރާހް މުހައްމަދެވެ. 90 މިނެޓު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަ މިނެޓުގެ ތެރޭ ލަނޑެއް ޖަހައިދީ މާޅެންދޫގެ އިބްރާހިމް ޒަޔާން އެޓީމަށް ފަރަގު ކުޑަކޮށްދިން ނަމަވެސް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވި އެވެ.

މިއަދު ކުޅެވުނު އަނެއް މެޗުގައި ހޮޅުދޫއިން ވަނީ އަމިއްލަ ދަނޑުގައި ކުޑަފަރީގެ މައްޗަށް 6 - 4 ން ކުރިހޯދާފަ އެވެ. ވާދަވެރި ހަމައެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލީޑުނެގީ ވެސް ހޮޅުދޫއިންނެވެ. އަހްމަދު އާސިފްގެ ލަނޑުން މެޗުގެ 9 ވަނަ މިނެޓުގައި ހޮޅުދޫއިން ލީޑު ނެގި އެވެ. އޭގެ އިރުކޮޅެއް ފަހުން 17 ވަނަ މިނެޓުގައި މުހައްމަދު ރިޝާން ހޮޅުދޫއަށް ލީޑު ފުޅާކޮށްދިނެވެ.

20 ވަނަ މިނެޓުގައި ކުޑަފަރީގެ ފުރަތަމަ ލަނޑު މުހައްމަދު ވަހީދު ޖަހައިދިންއިރު ފުރަތަމަ ހާފުގެ ފަހު ދެމިނެޓު ތެރޭ ހޮޅުދޫގެ އަބްދުލް ވަދޫދު ވަނީ ދެލަނޑު ޖަހައިދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 4 - 1 ން ހޮޅުދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެމިނެޓުތެރޭ މުހައްމަދު ވަހީދު ކުޑަފަރިއަށް އަނެއްކާވެސް ލަނޑެއް ޖަހައިދިން ނަމަވެސް އޭގެ ދެމިނެޓު ފަހުން އަނެއްކާވެސް އަހްމަދު އާސިފް ވަނީ ހޮޅުދޫއަށް ލަނޑެއް ޖަހައިދީ އެޓީމުގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. 66 ވަނަ މިނެޓުގައި ކުޑަފަރީގެ 3 ވަނަ ލަނޑު ޖަހާ މުހައްމަދު ވަހީދު އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

68 ވަނަ މިނެޓުގައި ހުސެއިން އަނީސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ހޮޅުދޫއިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ކުޑަފަރީގެ 4 ވަނަ ލަނޑު ޖަހައިދިނީ އަހްމަދު އުމައިރު އެވެ. ދެޓީމުގެ ފަރާތުން ވެސް މިމެޗުގައި މޮޅު ކުޅުމެއް ފެނުނުއިރު މެޗު ނިމުނީ 6 - 4 ން ހޮޅުދޫ މޮޅުވެގެންނެވެ.

ގްރޫޕުގައި ދެން ކުޅެން ހުރި މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ކެނދިކުޅުދޫއިން ނުކުންނާނީ ވަރުގަދަ ހޮޅުދޫއާ ދެކޮޅަށެވެ. އަދި ހޮޅުދޫ ފުޓްބޯޅަ ދަނޑުގައި މާޅެންދޫއިން ނުކުންނާނީ ކުޑަފަރިއާ ދެކޮޅަށެވެ. ދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355